22 އޮކްޓޯބަރ 2025 - 05:48

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުގެ އެހީއާ އެކު ހަރަކާތްތެރިވާ ގޭންގު ލީޑަރެއް ކަމަށްވާ ޔާސިރު އަބޫ ޝަބާބުގެ ޕޮޕިއުލާ ފޯސަސް އަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާނެ ކަމަށް ހަމާސް އިން މިއަދު ބުނެފި އެވެ.
ހަމާސް އިން ނެރުނު ބަޔާނުގައި ބުނީ އަންގާރަ ދުވަހުގެ ފަތިހު ހަމާސްގެ ރާޟިޔާ ސެކިއުރިޓީ ފޯސް އިން އަބޫ ޝަބާބްގެ ގޭންގާ ދެކޮޅަށް ޣައްޒާގެ ދެކުނުގައި ބޮޑު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
ހަމާސް އިން ހައްޔަރުކުރަން ބޭނުންވެގެން ހޯދަމުން ގެންދާ އަބޫ ޝަބާބްގެ ގޭންގުން އެތައް ބަޔަކު މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ ކަމަށާއި އަސްކަރީ ސާމާނުގެ އިތުރުން އެ މީހުންގެ ޖަރީމާތަކުގައި ބޭނުންކުރާ އެކި އާލާތްތައް ވެސް އަތުލައިގެންފައިވާ ކަމަށް ހަމާސް އިން ބުންޏެވެ.
މިއީ ޣައްދާރުންނަށް އިންޒާރެއްގެ ގޮތުން އަދި އެތެރޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގަމުން ގެންދާ އޮޕަރޭޝަނެއް ކަމަށް ވެސް ހަމާސް އިން ބުންޏެވެ.
އިޒްރޭލުން ހަތިޔާރާއި އެކި އެހީތައް ދީގެން ހިންގާ އެ ގޭންގުގެ މީހުންނާއި ހަމާސްއާ ދެމެދު ޝުޖައިއާ ނެއިބަހުޑްގައި މިދިޔަ ހަފްތާގައި ވެސް ވަރުގަދަ ކުރިމަތިލުމެއް ހިނގި އެވެ. ހަމާސް އިން ބުނާ ގޮތުގައި އަބޫ ޝަބާބްގެ ގޭންގުން އިޒްރޭލާ ގުޅިގެން މަސައްކަތްކުރެ އެވެ. އަދި ޣައްޒާގައި އާންމުންގެ މުދާ ލޫޓުވުމުގައި ވެސް އެންމެ އިސްކޮށް އުޅެނީ އަބޫ ޝަބާބްގެ މީހުން ކަމަށް ދަނީ ބުނަމުންނެވެ.
އަބޫ ޝަބާބްގެ ޕޮޕިއުލާ ފޯސަސް އެންމެ ފުރަތަމަ އުޅުނީ ޣައްޒާގެ ދެކުނުގެ ރަފަހް ގަވަރުނަރޭޓުގަ އެވެ. އެތަނުގައި އާންމުންނަށް ބަހާ އެހީގެ ސާމާނު ލޫޓުވީ މި މީހުން ކަމަށް އެތައް ބަޔަކު ބުނެ އެވެ. މިދިޔަ ޖުލައި މަހު އަބޫ ޝަބާބް ބުނެފައިވާ ގޮތުގައި އިޒްރޭލުން ޣައްޒާގައި ކޮންޓްރޯލްކުރާ ސަރަހައްދުތަކުގައި ބޭނުން ގޮތަކަށް އުޅުމަށް އޭނާގެ ގޭންގަށް ފުރުސަތު ލިބެ އެވެ.
މިދިޔަ ޖޫން މަހު އިޒްރޭލުން ވެސް ވަނީ ޣައްޒާގައި އުޅޭ ހަތިޔާރު އެޅި ގޭންގުތަކަށް އެހީވާ ކަމަށް އަމިއްލައަށް ވެސް އިއުތިރާފް ވެފަ އެވެ. އެކަމަކު ސީދާ އަބޫ ޝަބާބްގެ ނަމެއް ނުބުނެ އެވެ.
މި މަހުގެ 10 ވަނަ ދުވަހު އިޒްރޭލާއި ހަމާސްއިން ޣައްޒާގައި ހަމަލާތައް ހުއްޓާލުމާ އެކު ހަމާސް އިން އަންނަނީ ޣައްޒާގެ ކޮންޓްރޯލް އަލުން ހޯދުމަށް މަސައްކަތްކުރަމުންނެވެ. އަދި އެ ޖަމާއަތުން ވަނީ އިޒްރޭލަށް އެހީވާ ކަމަށް ބެލެވޭ އަށް މީހަކު އާންމުންގެ ކުރިމަތީ ބަޑިޖަހާ މަރާ މަންޒަރު ހަމާސްގެ ޓީވީ ޗެނަލުން ވެސް ދައްކައިފަ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނަމުންދަނީ ހަމާސްގެ ހަތިޔާރު ބެހެއްޓުމުން ނޫނީ ޣައްޒާގެ ހަނގުރާމަ ނުނިމޭނެ ކަމަށެވެ. -- އޭއެފްޕީ