21 އޮކްޓޯބަރ 2025 - 21:30

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެމްބަރުންގެ މަގާމަށް އައްޔަންކުރަން މަޖިލީހުން މިއަދު ފާސްކުރި ތިން ބޭފުޅުން އެ މަގާމުތަކަށް މިއަދު އައްޔަން ކުރައްވައިފަ އެވެ.
މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންގެ މަގާމަށް ކުރިމަތިލެއްވި 10 ބޭފުޅުންގެ ތެރެއިން މަޖިލީހުން މިއަދު ފާސްކުރީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ކުރީގެ މެމްބަރު އަދި މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތު އެ މަގާމަށް އައްޔަން ކުރުމަށެވެ.
ރައީސް އޮފީހުން ބުނީ އެ ތިން ބޭފުޅުން އެ މަގާމުތަކަށް މިއަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވޭނީ ހަތް މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރެއިން ތިން މެމްބަރުން މަޖިލީހުން ކަނޑައަޅާއިރު، ބާކީ ހަތަރު މެމްބަރުން ހޮވަނީ މީޑިއާތަކުގެ މެދުގައި ވޯޓުންނެވެ. ނަމަވެސް މިފަހަރުގެ އިންތިހާބުގައި މީޑިއާތަކުގެ ފަރާތުން ކުރިމަތިލި މެމްބަރުންގެ އަދަދު މަދުވުމުން އިންތިހާބަކާ ނުލައި ހަތަރު މެމްބަރަކު ވަނީ ހޮވިފަ އެވެ. އެއީ ބްރޯޑްކާސްޓިން ދާއިރާއިން ޒަމްއަތު އަހުމަދު ވަހީދާއި އަބްދުލްއަޒީޒް އިބްރާހިމްގެ އިތުރުން އޮންލައިން މީޑިއާގެ ދާއިރާއިން ހުސައިން ސަގީފާއި ސިމާހާ ނަސީމެވެ.
މީޑިއާ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލީ އަދި އެ ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގުކުރީ ވެސް އެކަމާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ. ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ މަޖިލީހާއި ސަރުކާރުގެ ނިޒާމުގެ ތެރެއިން މީޑިއާތައް ރެގިއުލޭޓް ކުރެވޭ ގޮތަށް އޮތުމެވެ.
މީގެ އިތުރުން ކޮމިޝަނަށް މަޖިލިހުން ތިން ބޭފުޅަކު އައްޔަންކުރާ ގޮތަށް އޮތުމާއި ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބޭ ގޮތަށް އޮތުމަކީ ވެސް ބޮޑު މައްސަލައެއް ކަމަށް ނޫސްވެރިން ދެކެ އެވެ.