21 އޮކްޓޯބަރ 2025 - 19:59

ފްރާންސްގެ ކުރީގެ ރައީސް ނިލަސް ސާކޯޒީ ލީބިއާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ އަތުން ކެމްޕެއިނަށް ފައިސާ ހޯދަން އުޅުނު މައްސަލައިގައި ކުށްވެރިވެ މިއަދު ޖަލު ހުކުމް ތަންފީޒުކުރަން ފަށައިފި އެވެ.

މިއީ ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ގައުމެއްގެ ކުރީގެ ވެރިޔަކު ޖަލު ހުކުމެއް ތަންފީޒުކުރާ ފުރަތަމަ ފަހަރެވެ.
ފްރާންސްގައި 2007 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ހަމައަށް ވެރިކަން ކުރެއްވި ކަނާތު ފިޔައިގެ ލީޑަރުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކުރީ މިދިޔަ މަހު އެވެ.
އުމުރުން 70 އަހަރުގެ ސާކޯޒީ ވަނީ އޭނާގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އިސްތިއުނާފަށް ހުށަހަޅުއްވައިފަ އެވެ. އެކަމަކު ވަކީލުން ވިދާޅުވީ އިސްތިއުނާފަށް ވަގުތުން ހުށަހަޅާފައި ވިޔަސް ތިން ހަފްތާ އާއި މަސް ދުވަހާ ދެމެދުގެ މުއްދަތެއް ޖަލުގައި ހޭދަކުރަންޖެހޭނެ ކަމަށާއި އިސްތިއުނާފު މައްސަލަ ހިނގައިގަންނަން އެހާ ދުވަސް ނަގާނެ ކަމަށެވެ.
ލަ ސެންޓޭގައި ހުންނަ ޕެރިސިއަން ޖަލަށް ސާކޯޒީ ވަޑައިގަތީ ފުލުހުންގެ ހިމާޔަތުގައި އަމިއްލައަށެވެ. އަރިހުގައި އަނބިކަނބަލުން ކާލާ ބްރޫނީ އާއި އާއިލާގެ އެހެން ބައެއް ބޭފުޅުން ވެސް ޖަލު ކައިރިއަށް ވަޑައިގަތެވެ.
އޭއެފްޕީގެ ފޮޓޯގްރާފަރުން ބުނި ގޮތުގައި ސާކޯޒީ ޖަލަށް ވަދެވަޑައިގަތުމާ އެކު، ޖަލުގެ ކުށްވެރިން "މަރުހަބާ ސާކޯޒީ" އޭ ގޮވާ އަޑު އިވުނެވެ.
ޖަލަށް ވަޑައިގަތުމުގެ ކުރިން ސޯޝަލް މީޑިއާގައި ސާކޯޒީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އެއްވެސް ކުށެއް ނުކުރައްވާ ކަމަށާއި އަދި އިންސާފު ލިބޭނެ ކަމަށެވެ.
"މިއަދު ޖަލަށް މި ލަނީ މި ގައުމުގެ ކުރީގެ ރައީސެއް ނޫން. ކުށެއް ނެތް މީހެއް،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ސާކޯޒީ ލިޔުއްވާފައިވެ އެވެ. "ހަގީގަތް އަދި ހާމަވާނެ."
މިދިޔަ މަހުގެ 25 ވަނަ ދުވަހު ސާކޯޒީއަށް ހުކުމް ކުރުމާ އެކު ވެސް އޭނާ ވަނީ "ފަހުރުވެރިކަމާއި އަޒުމާ އެކު، ޖަލުގައި ނިދާނަން" ކަމަށް ވިދާޅުވެފަ އެވެ.
ސާކޯޒީ ޖަލަށް ވަޑައިގަތް އިރު ސަޕޯޓަރުން ވެސް އެއްވެ އޭނާ މިނިވަންކުރުމަށް ގޮވަމުން ދިޔަ އެވެ.