21 އޮކްޓޯބަރ 2025 - 19:07

ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ސަނޭ ޓަކައީޗީ އަށް މިއަދު ގާނޫނު ހަދާ މަޖިލީހުން ރުހުން ދީފި އެވެ.
ޖަޕާނުގެ ފަސް ވަނަ ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަންކުރި ޓަކައީޗީ، ލިބެރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) ގެ ލީޑަރު ކަމުުގެ މަގާމަށް އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހު އައްޔަންކުރިތާ ދުވަސްކޮޅެއް ފަހުން އެ ޕާޓީގެ ކޯލިޝަން ސަރުކާރު ވަނީ ރޫޅިފަ އެވެ. އެހެންވެ ޓަކައީޗީއަށް ޖެހިވަޑައިގަންނަވާނީ މައިނޯރިޓީ ސަރުކާރެއް ހިންގާށެވެ.
އެހެންވެ ރިފޯމިސްޓް، ކަނާތު ފިޔައިގެ ފިކުރުގެ ޖަޕާން އިނޮވޭޝަން ޕާޓީ (ޖޭއައިޕީ) އާ އެކު އެލަޔަންސެއް ހަދަން ޓަކައިޗީ އަށް މަޖުބޫރުވި އެވެ.
ޓަކައީޗީ އަށް މިއަދު ރުހުން ދީފައި ވާއިރު މިއަދު މަގާމާ ވެސް ރަސްމީކޮށް ހަވާލުވެ ވަޑައިގެންފަ އެވެ.
ސްކޫލް ދައުރުގައި ހެވީ މެޓަލް ޑްރަމަރެއްގެ ގޮތުގައި މަޝްހޫރުވި، މިހާރު އުމުރުން 64 އަހަރުގެ ޓަކައީޗީ ވަނީ ވެރިކަންކުރާ ލިބެރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އިސްލާހުކުރުމަށް ވަރަށް ގިނަ މަސައްކަތްކުރަން އެބަހުރި ކަމަށް ވިދާޅުވެފަ އެވެ.
އެލްޑީޕީ އަކީ ޖަޕާނުގައި އެތައް އަހަރެއް ވަންދެން ވެރިކަން ކުރަމުން އައި ޕާޓީއެއް ނަމަވެސް، ޖަޕާނަށް މީހުން ހިޖުރަކުރުމާ ދެކޮޅު ޕާޓީއެއް ކަމަށްވާ ސަންސެއިޓޯ ފަދަ ކުދި ޕާޓީތަކުގެ މަގުބޫލުކަން އިތުރުވަމުން ދިއުމުން އެ ޕާޓީގެ ތާއީދު ދަނީ ކުޑަވަމުންނެވެ.