21 އޮކްޓޯބަރ 2025 - 18:09

އަލީ ފާސިރު (ސެންޓޭ) ގެ ހެޓްރިކުން، ވިކްޓަރީ ބަލިކޮށް ނިއު ރޭޑިއަންޓް އެއްވަނަ އަށް ޖެހިލައިފި އެވެ.
ނިއު މެޗު ކާމިޔާބު ކުރީ 4-0 ންނެވެ. ނިއު އެއްވަނަ ހޯދީ ކުރިން، އެ މަގާމުގައި އޮތް މާޒިޔާއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށް ފައިދާ ގޯލުން ކުރި ހޯދައިގެންނެވެ.
އެ ދެ ޓީމު ވެސް ކުޅުނު ހަތަރު މެޗުން މޮޅުވެ، 12 ޕޮއިންޓް ހޯދި އެވެ. ނިއު އަށް ފައިދާ 14 ގޯލް އެބައޮތެވެ. މިހާރު ދެވަނައިގައި އޮތް މާޒިޔާ އަށް އޮތީ ފައިދާ 13 ގޯލެވެ.
"ރަސްވާދަ"އިގެ ނަމުގައި ދެ ކްލަބުން މެޗު ޕްރޮމޯޓް ކުރިނަމަވެސް، ހީކުރިހާ ފޯރިއެއް ދަނޑަކުން ނުފެނުނެވެ. ކުރީގެ ވާދަވެރި އެ ކްލަބްގެ މާޒީ އާއި އޭރު އޮތް ވާދަވެރިކަމުގެ ހަނދާންތަކުން ޖޯޒީގައި އެ ކުލަތައް ޖެއްސި އެވެ. ނަމަވެސް ދުރާލައި ކުރި އެ ކެމްޕޭނުގެ އަސަރު މެޗުން ފެނުނީ ކުޑަކޮށެވެ.
މިއީ ހަތް އަހަރަށް ފަހު އެއްވަނަ ޑިވިޝަނުގައި އެ ދެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗުގައި ނިއުގެ އެންމެ ބޮޑު ތަފާތަކަށްވީ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ.
މެޗުގައި 15 މިނެޓާ ހަމައަށް ދިއުމުގެ ކުރިން ސެންޓޭ، ދެ ލަނޑު ޖަހައި ދިނެވެ.
ވިކްޓަރީން މެޗަށް ނުކުތީ، މި މަހު ކުރީކޮޅު ލީގު ބްރޭކްވުމުން އެ ޓީމުން ގެނައި ސީރިއާގެ ކުރީގެ ގައުމީ ކީޕަރު މުހައްމަދު އަލް ޔޫސުފް ހިމަނައިގެންނެވެ. އެ ޓީމުން ކުރިން ކުޅުނު ތިން މެޗުގައި ގޯލް ބެލެހެއްޓީ ގައުމީ ޓީމުގެ ތިންވަނަ ކީޕަރު މުހައްމަދު ޔާމީނެވެ.
ނިއުގެ ފުރަތަމަ ލަނޑު ސެންޓޭ ޖެހީ ހަތްވަނަ މިނެޓްގަ އެވެ. އެ ޓީމުގެ ހާފުގެ މެދެއްހާހިސާބުން ހަސަން ރާއިފް އަހްމަދު (ހަންނަ) ދިން ބޯޅަ ކުރިއަށް އަރައި ސެންޓޭ ލިބިގަތް އިރު އޭނާ ހުރީ މުޅިން ހުސްކޮށެވެ.
ކީޕަރު މަހްމޫދު، ބޯޅަ އަށް ކުރިމަތިލަން ކުރިއަށް ނުކުތް ނަމަވެސް، ސެންޓޭ ވަނީ އޭނާ ފުރުސަތު ނުދީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.
ސެންޓޭ، ދެވަނަ ލަނޑު ޖެހީ މެޗުގެ 13 ވަނަ މިނެޓްގައި ނިއުގެ ބްރެޒިލްގެ ފޯވާޑް ނިކްސަން ބްރިޒޮލާރާ ދިން ބޯޅައިންނެވެ.
ނިކްސަން، ސެންޓޭ އަށް ބޯޅަ ދިނީ ވިކްޓަރީގެ ޑިފެންޑަރުންގެ ކައިރީގައި ތިއްބަ އެވެ. ސެނޭޓޭ ބޯޅަ ފޮނުވާލީ އޭގެ ވިކްޓަރީގެ ކުޅުންތެރިންގެ ކައިރިން ދެމިގަނެ އޭނާ އަމިއްލަ އަށް ޖާގަ ހޯދައިގެންނެވެ.
ފުރަތަމަ ހާފުގައި މުހައްމަދު ޝަހާހް އާއި ހަންނަ އަށް ވެސް ސެންޓޭ ވަނީ ފުރުސަތުތަކެއް ތަނަވަސްކޮށް ދީފަ އެވެ. އެކަމަކު އެ ފުރުސަތުތަކެއް ބޭނުމެއް ނުކުރެވުނެވެ.
ދެވަނަ ހާފުގައި ހަންނަ އަށް ލަނޑެއް ޖެހުނު ކަމަށް ހީކޮށް، އޭނާ އުފާފާޅު ވެސް ކުރި އެވެ. އެކަމަކު ރެފްރީ ނިންމީ އެ ލަނޑު ޖެހުމުގެ ކުރިން ނިއުގެ ކުޅުންތެރިޔަކު އޮފްސައިޑް ވެފައިވާ ކަމަށެވެ.
ނިއުގެ ހަތަރު ވަނަ ލަނޑު، 79 ވަނަ މިނެޓްގައި ޖެހީ އަހްމަދު ހުޝާމް (ހުޝާންކޮ) އެވެ. އެ ލަނޑު އޭނާ ޖެހީ ސެންޓޭ ދިން ބޯޅައިންނެވެ.
ހާފުގެ މެދެއްހާހިސާބުން ސެންޓޭ، ބޯޅަ ދިނީ އެ ބޯޅަ އަށް ހުޝާމް އަރާނެކަން އެނގިގެންނެވެ. ބޯޅަ ހިފައިގެން އޭރިއާގެތެރެއަށް ވަދެ ހުޝާމް، ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ ކީޕަރު މަހްމޫދު ވެސް ކަޓުވާލުމަށް ފަހު އެވެ.
ލީގުގައި ބައިކޮޅަށް ލަނޑެއް ނުވަނަ ހަމައެކަނި ޓީމަކީ ނިއު އެވެ. އެ ޓީމުގެ ޕާކިސްތާނުގެ ކީޕަރު ޕާކިސްތާނުގެ ސާގިބް ހަނީފް، ވަނީ ވިދިވިދިގެން ހަތަރު މެޗުގައި ބައިކޮޅަށް ގޯލެއް ނުވަދެ ފުރިހަމަ ކޮށްފަ އެވެ.
މިދިޔަ އިންޓަނޭޝަނަލް ބްރޭކްގައި ޕާކިސްތާނުގެ ގައުމީ ޓީމުން އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ދެ މެޗުގައި ވެސް ސާގިބް މޮޅު ކުޅުމެއް ދެއްކި އެވެ.