ހައްޖުވެރިންގެ ސިއްހަތާ ބެހޭ ސާކިއުލާއަކީ އާ އުސޫލެއް ނޫން: އިސްލާމިކް މިނިސްޓްރީ
ހައްޖުވެރިންގެ ސިއްހަތާ ބެހޭ ސާކިއުލާއަކީ އާ އުސޫލެއް ނޫން: އިސްލާމިކް މިނިސްޓްރީ

ހައްޖުވެރިންގެ ކިބައިގައި ސިއްހީ ގޮތުން ފުރިހަމަވާން ޖެހޭ ޝަރުތުތަކާ ބެހޭގޮތުން ސައުދީ އަރަބިއްޔާގެ ސަރުކާރުން ނެރެފައިވަނީ އާ ސާކިއުލާއެއް ނޫން ކަމަށް އިސްލާމިިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަބަދުވެސް ސިއްހީ ހާއްސަ ފަރުވާތަކެއް ބޭނުންވާ ފަދަ ބޮޑެތި ބަލިތަކުގެ މީހުންނަށް ހައްޖަށް ނުދެވޭ ގޮތަށް ސައުދީ ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއީ ހައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ސައުދީ ސަރުކާރުން ފޮނުވާ ސާކިއުލާއެއް ކަމަށެވެ. އަދި އެއީ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން ހައްޖަށް ދާން ވިސާ ލިބޭނީ އެ މީހަކީ ހައްޖަށް ދާން ސިއްހީ ގޮތުން ކުޅަދާނަކަން ލިބިގެންވާ މީހެއްކަން އެނގޭ ގޮތަށް، ސަރުކާރުން ރެގިއުލޭޓްކުރާ މަރުކަޒުތަކުން އަސްލާ ތަތްގަނޑު ޖަހާފައިވާ މެޑިކަލް ސެޓްފިކެޓެއެއް އޮވެގެންނެވެ. އަދި ސިއްހީ ވަކި ހާލަަތްތަކެއް ކުރިމަތިވެފައި ނުވާ މީހަކަށް ހައްޖުވެރިޔާ ވާންޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެގޮތުން އަސާސީ ގުނަވަނެއް ފެއިލްވެފައިވާ މީހަކަށް ނުވުމާއި އޮކްސިޖަން ގުޅައިގެން އުޅެން ޖެހޭ މީހަކަށް ނުވުމާއި ފުރަމޭގެ ސިރޯސިސް ހުރި މީހަކަށް ނުވުމާއި ޑަޔަލިސިސް ހަދާފައިވާ މީހަކަށް ނުވުމަކީ ޝަރުތެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ނާރުގެ ނުވަތަ ނަފުސާނީ ބަލި ތަހައްމަލުކުރާ މީހަކަށް ނުވުމާއި ބުއްދިއަށް އަސަރުކޮށްފައިނުވާ މީހަކަށްވުމާއި ޑިމެންޝިއާ (ހަނދާން ނެތޭ ބަލި) ޖެހިފައިވާ މުސްކުޅި އުމުރުގެ މީހަަކަށް ނުވުމާއި ވިހަން ކައިރިވެފައިވާ މީހަކަށް ނުވުމަކީ ވެސް ޝަރުތެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ކީމޯ ތެރަޕީ ނުވަތަ ބައިލޮޖިކަލް ތެރަޕީ ނަގަމުންދާ ކެންސަރުގެ ބަލި މީހަކަށް ނުވުމަކީ ވެސް ޝަރުތެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ޓީބީ އާއި ހެމަރޫޖް ހުންނަ ފަދަ ބައްޔެއް ހުރެގެން ނުވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވަނީ ހައްޖަކީ އެތައް މިލިއަން މީހުން އެއްވެގެން ކުރާ އަޅުކަމަކަށް ވާއިރު، ސިއްހީ ގޮތުން ކުރިމަތިވެދާނެ މައްސަލަތަކަށް ރިއާޔަތްކޮށް، ސައުދީ ސަރުކާރުން އަޅާ ފިޔަވަޅުތައް ދިވެހި ސަރުކާރުން ބަލައިގަންނަ ކަމަށެވެ.