ފަނޑިޔާރުންގެ އުޅުންތަކާއި ގުޅުންތައް ވަރަށް ބޮޑަށް ލިމިޓް ކުރަންޖެހޭނެ: އުއްތަމަ ފަނޑިޔާރު
ފަނޑިޔާރުންގެ އުޅުންތަކާއި ގުޅުންތައް ވަރަށް ބޮޑަށް ލިމިޓް ކުރަންޖެހޭނެ: އުއްތަމަ ފަނޑިޔާރު

ފަނޑިޔާރުންގެ އަދުލުވެރިކަން ގުޅިފައި އޮތީ ނަޒާހަތްތެރިކަމާ ކަމަށާއި އަދި ފަނޑިޔާރުކަމާ ހަވާލުވުމަށް ފަހު، ފަނޑިޔާރުގެ އުޅުންތަކާއި ގުޅުންތައް ވަރަށް ބޮޑަށް ލިމިޓް ކުރަން ޖެހޭނެ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

ފެމިލީ ކޯޓަށް ދެ ފަނޑިޔާރަކު އައްޔަން ކުރަން ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތާ ގުޅިފައިވާ ސިފަތަކަކީ ވަކިވަކި ސިފަތަކެއްގެ ގޮތުގައި ލިޔެފައި ވިޔަސް، އެއީ އެއްސިފަ އަނެއް ސިފައާ ގުޅިލާމެހިފައިވާ ސިފަތަކެއް ކަމަށެވެ.

އެގޮތުން، ފަނޑިޔާރުގެ އަދުލުވެރިކަމާއި ވަކިފަރާތަކަށް ނުޖެހުމުގެ ސިފަ ގުޅިފައި އޮންނަނީ ފަނޑިޔާރުގެ ނަޒާހަތްތެރިކަމާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ފަނޑިޔާރުގެ ރިވެތި އަހްލާގީ ސިފަތަކާއި ސިޔާސީ ހަރަކާތްތަކުން އެއްކިބާވުމުގެ ސިފަ އޮންނާނީ ނަޒާހަތްތެރިކަމާ ގުޅިފައި ކަމަށް ވިދާޅުވި އެވެ.

"ފަނޑިޔާރުކަމާ ހަވާލުވުމަށް ފަހު، މީހާގެ އުޅުމަށް އިންތިހާ އަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެންނަންޖެހޭ. މި ދެންނެވި ބަދަލުތަކަކީ ފަނޑިޔާރު އޭނާގެ ފަނޑިޔާރުކަމުގެ ޝަހްސިއްޔަތު ބިނާކުރުމަށް ގެންނަ ރަނގަޅު ބަދަލުތަކަކަށް ވާން ވާނެ،" އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި، އެހެން މީހުންނަށް ނަމޫނާ ދައްކާ ބަޔަކަށް ވެވޭތޯ ފަނޑިޔާރުން އަބަދުވެސް މަސައްކަތް ކުރަން ވާނެ އެވެ. އަދި ދިމާވާ ކުއްލި ހާލަތުގައި ފަނޑިޔާރު ކެތްތެރިކަން ކޮޅުންލުމުގެ ބަދަލުގައި، ހިކުމަތްތެރިކަން ބޭނުންކުރަން ޖެހޭނެ ކަމަށާއި ހަސްމުންނާއި މުވައްޒަފުންނާ މުއާމަލާތް ކުރަން ވެސް ޖެހޭނީ ރީތި ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ދާއިރު، ދިމާވާ ހާލަތަކާ ގުޅިގެން އަމަލުކުރެވޭ ގޮތަކީ ނުވަތަ ބުނެވޭ ބަހަކީ ފަހަރުގައި މީސްމީޑިއާގައި ވައިރަލްވެ، ފަނޑިޔާރު މަޝްހޫރުވުމަށް ލިބޭ ފުރުސަތަކަށް ވެދާނެ.
އެކަމަކު ދަންނަވަންތޯ؟ ހަމަ އެ އަމަލަކީ ނުވަތަ އެ ބަހަކީ ސަބަބުވެރި ބައެއްގެ ވިސްނުމުން ބަލާއިރު، ފަހަރުގައި ފަނޑިޔާރުކަމާ ނުގުޅޭ އަމަލަކަށް ނުވަތަ ބަހަކަށް ވެދާނެ،" އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވި އެވެ.

"އެހެންކަމުން މިކަންކަމަށް ސަމާލުވުމަށް ދަންނަވާލަން."

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުން އާއިލާ އާއި ރަހުމަތްތެރިންނާ އެކު ހޭދަކުރާ ވަގުތުތަކުގައި ވެސް އަބަދުވެސް އެއީ ފަނޑިޔާރުންކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ. އަދި އާންމު ފަރުދަކު ކުރިޔަސް އެއީ ގޯސް ކަމެއް ކަމަށް ނުބެލެވޭނެ ކިތަންމެ ކަމެއް ފަނޑިޔާރަކު ފަރުދީ ހައިސިއްޔަތުން ކުރުމުން އެއީ ގޯސް ކަމެއްގެ ގޮތުގައި މުޖުތަމައު ދެކެފާނެ ކަމަށާއި އެކަމާ މެދު ވިސްނަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ފަނޑިޔާރުގެ އުޅުންތަކާއި ގުޅުންތައް ވަރަށް ބޮޑަށް ލިމިޓްކުރަން ޖެހޭނެ ކަމަށާއި ނަމަވެސް އެއީ ފަސޭހަ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ފަނޑިޔާރަކަށް ވުމުގެ ކުރިން ދިޔަ ތަންތަނާއި އުޅުނު ވަގުތުތަކާއި އެއްކޮށް އުޅުނު މީހުންނާ އެކު ވެސް ފަނޑިޔާރަކަށް ވުމަށް ފަހު، އުޅުން ރަނގަޅު ނުވެދާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ފަނޑިޔާރުންގެ އަމަލުތައް ކޯޓު ތެރޭގައި އަދި ކޯޓުން ބޭރުގައި ހުންނަން ވާނީ ޝަރުއީ ދާއިރާގެ ހައިބަތާއި މިނިވަންކަން ދައްކުވައިދޭ ގޮތަށެވެ. އަދި ރައްޔިތުން ދެކެން ބޭނުންވާނީ އަދުލުވެރި އަދި ނަޒާހަތްތެރިކަމާއި ކެތްތެރިކަމާ އެކު މަސްއޫލިއްޔަތު އަދާކުރާ ފަނޑިޔާރުންގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.