ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހައި، ކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް: ރައީސް
ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހައި، ކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް: ރައީސް

ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހައި، އެ ކަންކަން ކޮށްދެވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މެންދުރު ފަހު އެ އަތޮޅު މާބައިދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ ރައްޔިތުން ކައިރިއަށް އެެމަނިކުފާނު ވަޑައިގަންނަވަނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވަން ކަމަށެވެ.

"[ރަށްރަށަށް ދަތުރުކުރަނީ] ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހަން. ރައްޔިތުން ބޭނުންވާ ކަންކަން ވިދާޅުވުމަށް ފުރުސަތު ދިނުމަށް،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް ރައްޔިތުން ގާތަށް އައިސް، ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހައި، ރައްޔިތުން ބޭނުންވާ އަމާޒަށް ކަންކަން ފަހިކޮށްދެވުމުން."

ރައީސް ވިދާޅުވީ މާބައިދުއަށް އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދަވާނެ ކަމަށެވެ.

އެ ޖަލްސާގައި ވަނީ މާބައިދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި އެ ރަށުގައި ހުންނަ ލ. އަތޮޅު މަދަރުސާގެ މަލްޓި-ޕާޕަސް ހޯލް އިމާރާތްކުރުމުގެ އެއްބަސްވުމާއި ފުޓުބޯޅަ ދަނޑު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފަ އެވެ.

ރައީސް ވިދާޅުވީ އެ ރަށުގައި ވޮލީކޯޓެއް ހެދުމާއި ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ދޭ ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށާއި އޭރަށް އެ ރަށަށް އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދޭނެ ކަމަށެވެ.