ސަރުކާރުގެ އިދާރާތަކުން އެޗްޑީސީއަށް 4.3 ބިލިއަން، އެހެނިހެން ގޮތްގޮތުން 5.6 ދައްކަންޖެހޭ: ރިޕޯޓް
ސަރުކާރުގެ އިދާރާތަކުން އެޗްޑީސީއަށް 4.3 ބިލިއަން، އެހެނިހެން ގޮތްގޮތުން 5.6 ދައްކަންޖެހޭ: ރިޕޯޓް

ސަރުކާރުގެ އެކިއެކި ކުންފުނިތަކާއި އިދާރާތަކުން އެޗްޑީސީ އަށް 4.3 ބިލިއަން ރުފިޔާ އަދި އާންމު ވިޔަފާރިތަކުން އެއް ބިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް ހުޅުމާލެ ހިންގައި ބަލަހައްޓާ އެޗްޑީސީން މިއަދު ބުނެފި އެވެ.

އެ ކުންފުނިން އެ އަދަދުތައް ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ފޮނުވި ރިޕޯޓެއްގަ އެވެ.

އެ ރިޕޯޓުގައި ހުރި ތަފުސީލްތައް ހާމަކުރައްވަމުން މަޖިލީހުގެ ނައިބު ރައީސް އަދި އެ ކޮމިޓީގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ އެޗްޑީސީ އަށް ސަރުކާރުން ދައްކަން ޖެހޭ 4.3 ބިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ.

އޭގެ އިތުރުން ކުރީގެ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލޭން ދޫކުރި ގޯތިތަކުގެ ބިމަށް އެޗްޑީސީ އަށް ސަރުކާރުން ދޭން ޖެހޭ 1.7 ބިލިއަން ރުފިޔާ އާއި ހިޔާ އަދި ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ނިންމުމުން އެޗްޑީސީ އަށް ސަރުކާރުން ދޭން ޖެހޭ 3.9 ބިލިއަން ރުފިޔާ ވެސް ހިމެނޭ ކަން ނާޒިމް ފާހަގަކުރެއްވި އެވެ.

އެހެންކަމުން އެޗްޑީސީ އަށް ސަރުކާރުން ދައްކަންޖެހޭ 10 ބިލިއަން ރުފިޔާ އޯވަޑިއުގެ ގޮތުގައި ވަނީ ރެކޯޑް ކޮށްފަ އެވެ.

އޭގެ އިތުރުން އެޗްޑީސީގެ ކޮމާޝަލް ކަސްޓަމަރުންގެ ގޮތުގައި ތިބި 500 އަށް ވުރެ ގިނަ ކަސްޓަމަރުންގެ ފަރާތުން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ޖޫރިމަނާ ނުހިމަނައި 976 މިލިއަން ރުފިޔާ އެޗްޑީސީ އަށް ލިބެންޖެހޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އަދި ވިޔަފާރިތަކާއި ސޯޝަލް ހައުސިން އިން ލިބެންޖެހޭ ކުއްޔާ އެކު މުޅި ޖުމްލަ 2.7 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.

އެ ފައިސާ ހޯދަން އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ 223 މިލިއަން ރުފިޔާ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ކޮމިޓީގައި މިއަދު ވިދާޅުވީ، އެ ކުންފުނީގެ އުސޫލުތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެ މަސައްކަތް ރަނގަޅު ކުރެވިއްޖެ ނަމަ ނުލިބި ހުރި ފައިސާގެ ބޮޑު ޕަސެންޓެއް ރިކަވާ ކުރުމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބޭންކުތަކާއި މަރުކަޒީ ބޭންކު އެމްއެމްއޭ ގުޅިގެން ވެސް އެޗްޑީސީން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ދެ އެވެ.

"އަޅުގަނޑުމެންނަށް އޯވަޑިއުއެއް އޮވެއްޖެ ނަމަ އެ ބޭފުޅުންނަށް ވިޔަފާރި ކުރުމަށް ދަތިތަކެއް އެބަ އާދޭ، އޯވަޑިއު ދައްކައިގެން ނޫނިއްޔާ ވިޔަފާރީގައި ކުރިއަށް ދިޔުމަށް ދަތިތައް އެބަ އާދޭ،" ޒުހައިރު ވިދާޅުވި އެވެ.

އާންމު ރައްޔިތުން ކުލީގެ ގޮތުގައި އެޗްޑީސީ އަށް ދައްކަންޖެހޭ ފައިސާ ނުލިބޭ މައްސަލާގައި ވެސް ސަރުކާރާ ވާހަކަ ދައްކައިގެން ހައްލުތަކެއް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ކުއްޔަށް ފްލެޓްތައް ނަގާ މީހުންގެ ކްރެޑިޓް ޑޭޓާ އެމްއެމްއޭގައި ރަޖިސްޓަރީ ކުރުމުގެ މަސައްކަތް މީގެ ތިން މަސް ކުރިން ފެށި ކަމަށާއި އޭގެ ސަބަބުން ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ޒުހައިރު ވިދާޅުވި އެވެ.

ސަރުކާރުން އެޗްޑީސީ އަށް ގިނަ އަދަދެއްގެ ފައިސާ ނުލިބި އޮތް މައްސަލާގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުއްގަފޫރު މޫސާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ އެ ފައިސާ އެޗްޑީސީ އަށް ނުލިބި އެ ކުންފުނި ނުހިންގޭނެ ކަަމަށެވެ.

ނާޒިމް ވެސް ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އެޗްޑީސީ އަށް ސަރުކާރުން ދައްކަން ޖެހިފައި އޮތް ފައިސާއަކީ ބޮޑު ބުރައެކެވެ.