21 އޮކްޓޯބަރ 2025 - 14:10

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެމްބަރުންގެ މަގާމަށް ތިން ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންގެ މަގާމަށް ކުރިމަތިލެއްވި 10 ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ރުހުން ދޭން ފެންނަ ކަމަށް ނިންމީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ކުރީގެ މެމްބަރު އަދި މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތެވެ.
އެ ތިން ބޭފުޅުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި އެ ބޭފުޅުންނަށް ރުހުން ދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ ތެރެއިން 54 މެންބަރުން އަޣުލަބިއްޔަތުންނެވެ. ރުހުންދޭން ނުފެންނަ ކަމަށް އެމްޑީޕީގެ ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ.
މީޑިއާ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލީ އަދި އެ ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގުކުރީ ވެސް އެކަމާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ. ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ ނޫސްވެރިން ވަރަށް ބޮޑަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން ރެގިއުލޭޓް ކުރެވޭ ގޮތަށް އޮތުމެވެ.
އެއާ އެކު، ކޮމިޝަނަށް ރައްޔިތުންގެ މަޖިލިހުން ތިން ބޭފުޅަކު އައްޔަން ކުރާ ގޮތަށް އޮތުމާއި ކޮމިޝަންގެ ހުރިހާ މެމްބަރުން ރައްޔިތުންގެ މަޖިލިހަށް ވަކިކުރެވޭ ގޮތަށް އޮތުމަކީ ބޮޑު މައްސަލައެއް ކަމަށް ނޫސްވެރިން ދެކެ އެވެ.
މީޑިއާ ކޮމިޝަނަށް މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުންގެ މަގާމަށް ދާދިފަހުން ވަނީ މެމްބަރުން އިންތިހާބުކޮށްފަ އެވެ.