ހަތް އަހަރަށް ފަހު ނިއު-ވިކްޓްރީ ލީގުގައި މިއަދު ކުރިމަތިލާނެ
ހަތް އަހަރަށް ފަހު ނިއު-ވިކްޓްރީ ލީގުގައި މިއަދު ކުރިމަތިލާނެ

ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ދެ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓާއި، ވިކްޓްރީން ހަތް އަހަރަށް ފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ބައްދަލުކުރާނެ އެވެ.

ހަތް އަހަރަށް ފަހު ނިއު-ވިކްޓްރީ ލީގުގައި މިއަދު ކުރިމަތިލާނެ
ހަތް އަހަރަށް ފަހު ނިއު-ވިކްޓްރީ ލީގުގައި މިއަދު ކުރިމަތިލާނެ

ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ އެފްއޭއެމުން 2019 ވަނަ އަހަރު ދެ ވަނަ ޑިވިޝަނަށް ސަސްޕެންޑްކުރުމުން ފުރަތަމަ ޑިވިޝަނުން ގެއްލިފައި އޮތް ނިއު އާއި ވިކްޓްރީ އަލުން މިއައީ މި ސީޒަނުގަ އެވެ. ވިކްޓްރީ ޕްރޮމޯޓްވީ މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަނުގެ ގަދަ ދެ ޓީމުގެ ތެރޭ ހިމެނިގެންނެވެ. ނިއު އަށް ފުރުސަތު ލިބުނީ، ސަސް އިން ފުރަތަމަ ޑިވިޝަނުގެ ޖާގަ ދޫކޮށްލުމުން، އެ ފުރުސަތު ދެން ލިބުނު ދެ ވަނަ ޑިވިޝަނުގެ ޓެންޓް ސްޕޯޓްސް އިން އޭގެ ބޭނުން ނުހިފުމުން ދެން އެންމެ ނަތީޖާ ރަނގަޅު ޓީމުގެ ހައިސިއްޔަތުންނެވެ.

ނިއު އާއި ވިކްޓްރީ ވަނީ މިދިޔަ ތިން އަހަރުގެ ތެރޭ ދެ ވަނަ ޑިވިޝަނުގައި ދެ ފަހަރު ބައްދަލުކޮށްފަ އެވެ. އެއް ފަހަރު ނިއު މޮޅުވިއިރު، އަނެއް ފަހަރު މޮޅުވީ ވިކްޓްރީ އެވެ. އެ ދެ މެޗަށް ވެސް، ގިނަ އަދަދެއްގެ ބަޔަކު ކުޅިބަލަން ވަނެވެ. ދިވެހި ފުޓްބޯޅައިގެ "ރަސްވާދަ"އިގެ ގޮތުގައި މަޝްހޫރުވެފައިވާ މި މެޗު ޕްރޮމޯޓްކުރަން ދެ ކްލަބުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

ނިއު އާއި ވިކްޓްރީން ވެސް މި މެޗު ހާއްސަކުރަނީ، 1980ގެ އަހަރުތަކުގައި އެ ދެ ޓީމުން ހޯދި ކާމިޔާބީތަކަށެވެ. ނިއު އިން ހާއްސަ ކުރަނީ، އެ ކްލަބުގެ ތާރީހުގައި ގައުމީ މުބާރަތް އެންމެ ފުރަތަމަ ކާމިޔާބުކުރި 1982 ގެ ޓީމަށެވެ. މި މެޗުގައި ނިއު އިން ބޭނުންކުރާނީ ވިކްޓްރީ އަތުން 2-1 އިން މޮޅުވެ ނިއު އިން އެ މެޗު ކާމިޔާބުކުރިއިރު ބޭނުންކުރި ފެއްސާއި، ހުދުގެ ހުރަސް ރޮނގު ދެމި ޖާޒީގެ ފަރުމާއެކެވެ.

ވިކްޓްރީން މެޗު ހާއްސަކުރަނީ ޕެނަލްޓީ ޖަހައިގެން ނިއު ބަލިކޮށް 1985 ގައި ގައުމީ ތަށި މިކްލުކުރި ޓީމަށެވެ. އެ ކާމިޔާބަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ވިކްޓްރީން މިއަދުގެ މެޗުގައި ބޭނުންކުރާނީ އެ ފަހަރު ފައިނަލުގައި ލީ އެ ކްލަބުގެ ސަގާފީ ރަތްކުލައިގެ ޖާޒީގެ ފަރުމާއެކެވެ.

މާލޭގެ އަވަށު ވާދަވެރިކަން އޮތް ދުވަސްވަރުން ފެށިގެން ނިއު އާއި ވިކްޓްރީގެ ކުރިމަތިލުން ވަރަށް ފޯރިގަދަ އެވެ. މިއީ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ދެ ކްލަބް ވެސް މެ އެވެ.

މި ސީޒަނުގެ ލީގުގައި ނިއު ވަނީ ކުޅުނު ފުރަތަމަ ތިން މެޗު ވެސް ކާމިޔާބުކޮށްފަ އެވެެ. ވިކްޓްރީގެ ތިން މެޗުން މޮޅުވީ އެއް މެޗުންނެވެ. އަނެއް ދެ މެޗުން ބަލިވީ އެވެ. އެކަމަކު އެ ޓީމުން ވަނީ މިހާރު ޓީމު ރަނގަޅުވާނެ ކަމަށް ބުނެފަ އެވެ. ވިކްޓްރީ އަށް ހަމަޖެއްސި ސްލޮވާކިއާގެ ޖޯޖްލީ ގެރީ ވެސް މިއަދުގެ މެޗުން ފެށިގެން ކޯޗުކޮށްދޭނެ އެވެ.

މިއަދުގެ މެޗު ފަށާނީ ހަވީރު 3:50 ގަ އެވެ.