"ޑްރަގު ބޮޑެއް" ފިލަން ލަންކާއަށް ދިއުމުން ފޮނުވާލުމާ އެކު އަލުން ހައްޔަރުކޮށްފި
"ޑްރަގު ބޮޑެއް" ފިލަން ލަންކާއަށް ދިއުމުން ފޮނުވާލުމާ އެކު އަލުން ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ މީހެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ވަނިކޮށް ކޯޓުން ދޫކޮށްލުމާ އެކު ސްރީލަންކާއަށް ދިއުމުން އެ ގައުމަށް އެތެރެވިޔަ ނުދީ އަނބުރާ ރާއްޖެއަށް ފޮނުވާލައިފި އެވެ.

އީރާނު ބޯޓަކުން ރާއްޖެއަށް އެތެރެކުރި 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި މީގެކުރިން ހައްޔަރުކުރި އަލީ އަންވަރު މުހައްމަދު މިފަހަރު ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ މައްސަލާގައި އޭނާގެ ބަންދަށް ފަސް ދުވަސް ދިނުމަށް ފަހު، މިދިޔަ ހޮނިހިރު ދުވަހު އެއްވެސް ޝަރުތަކާ ނުލައި ކޯޓުން އޭނާ ދޫކޮށްލީ އެވެ.

އޭނާ ބަންދުން ދޫކޮށްލުމުން އެހެން އަމުރެއްގެ ދަށުން ހައްޔަރު ކުރަން ފުލުހުން މަސައްކަތްކުރި އެވެ. ނަމަވެސް، އޭރު އޭނާ ވަނީ ސްރީ ލަންކާއަށް ފުރައިގެން ގޮސްފަ އެވެ.

ލަންކާއަށް ފުރައިގެން ދިޔަ ނަމަވެސް، އެ ގައުމަށް އޭނާ އެތެރެވިޔަ ނުދީ ހިފަަހައްޓައި އަނބުރާ ރާއްޖެ ފޮނުވާލި އެވެ. އޭނާ ރާއްޖެ އައުމާ އެކު އާ އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މިހާރު އޭނާގެ ބަންދަށް 30 ދުވަސް ކޯޓުން ވަނީ ދީފަ އެވެ.

އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތެވެ.

ފުލުހުން ހިންގި އޮޕަރޭޝަނުގައި އަލީ އަންވަރުގެ އެޕާޓްމެންޓުން ތިން ރަބަރު ޕެކެޓުގައި 16 ގްރާމްގެ މަސްތުވާތަކެތި ފުލުހުން ހޯދި އެވެ. އަދި އޭނާގެ ޕާސްޕޯޓާއި މަސްތުވާތަކެތި ކިރަން ބޭނުން ކުރާ ކައްޓާއެއް އެ އެޕާޓްމެންޓުގެ ތެރެއިން ފެނިފައިވެ އެވެ.

އަލީ އަންވަރު ކުރިން ހައްޔަރުކުރީ ސްރީ ލަންކާ އާއި ރާއްޖޭގެ ކޯސްޓް ގާޑާއި ފުލުހުން ގުޅިގެން އޮކްޓޯބަރު، 2019 ގައި ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ އޮޕަރޭޝަނުގައި ދެ އުޅަނދަކުން 70 ކިލޯގެ މަސްތުވާތަކެތި އަތުލާފައިވެ އެވެ. އެ އޮޕަރޭޝަނުގައި ހިފެހެއްޓީ އީރާނުގެ ބޯޓަކާއި "ހެދޭކުރި-7" ނަމަކަށް ކިޔާ ރާއްޖޭގެ މަސް ދޯންޏެކެވެ.

ވައްކަމުގެ ރެކޯޑު އޮންނަ އަންވަރަކީ 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ތިން މީހުންގެ ތެރެއިން އެކަކު ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.