21 އޮކްޓޯބަރ 2025 - 14:11

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިޖްތިމާއީ ޒިންމާގެ ދަށުން މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ހެލްތު ކޭމްޕުގައި 300 އަށް ވުރެ ގިނަ މީހުންނަށް ހިދުމަތް ދީފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
މ. އަތޮޅުގެ ރަށްރަށުގައި ދިރިއުޅޭ މީހުންނާއި ކައިރި ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުން އެ ކޭމްޕުގައި ބައިވެރިވެ، ޑޮކްޓަރަށް ދެއްކި އެވެ. އެ ކޭމްޕުގައި ޓްރީ ޓޮޕް ހޮސްޕިޓަލްގެ އަށް ސްޕެޝަލިސްޓު ޑޮކްޓަރުން ބައިވެރިވި އެވެ. އޭގެ ތެރޭގައި އީއެންޓީ، އޯތޮޕީޑިކްސް އެންޑް ޓްރޯމާ، ނެފްރޮލޮޖީ، ޔޫރޮލޮޖީ، ކާޑިއޮލޮޖީ، އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީ އަދި ނިއުރޯ ސާޖަރީއަށް ހާއްސަ ޑޮކްޓަރުން ހިމެނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވީ މި ކޭމްޕުގެ ބޭނުމަކީ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ރަށުގައި ތިބެގެން ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އަދި އެ ކޭމްޕުން ގިނަ ބަޔަކަށް ހިދުމަތް ފޯރުކޮށްދެވުނުކަން ފާހަގަކުރެއްވި އެވެ.
"މިއީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެރަށްތަކުން ހިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ މެޑިކަލް ޓީމުން ކުރާ ދެމެހެއްޓެނިވި މަސައްކަތުގެ ހެއްކެއް. މިފަހަރުގެ ކޭމްޕްގައި މ. އަތޮޅުގެ 362 ފަރާތަކަށް ހިދުމަތް ފޯރުކޮށްދެވުނުކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން މ. މުލީގައި ކުރިއަށް ގެންދިޔަ ހެލްތު ކޭމްޕު ކާމިޔާބުކަމާ އެކު ނިންމާލުމަށް މުލީ ރީޖަނަލް ހޮސްޕިޓަލާއި، މުލީ ކައުންސިލް، މުލީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ޓީއެމްއޭއިން ލިބުނު އެހީތެރިކަން އެހޮސްޕިޓަލުން ފާހަގަކުރެ އެވެ،
މި ހެލްތު ކޭމްޕަކީ ޓްރީ ޓޮޕުން މިއަހަރު ބޭއްވި މިފަދަ ހަތަރު ވަނަ ކޭމްޕެވެ. އެ ހޮސްޕިޓަލުން މިއަހަރު ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ އަދި ހއ. ދިއްދޫގައި މި ކޭމްޕު ވަނީ ބާއްވާފަ އެވެ. މިދިޔަ އަހަރު ވެސް އެ ހޮސްޕިޓަލުން މިކޭމްޕު ކުރިއަށް ގެންގޮސްފައިވާއިރު 3800 އަށް ވުރެ ގިނަ މީހުންނަށް އެ ކޭމްޕުތަކުން ހިދުމަތް ދިނެވެ.