ސިނގިރޭޓް ވައްކަމުގައި މުއާޒުގެ ބައިވެރިވުން އޮތްކަމަށް ގަބޫލުކުރެވޭ މިންވަރަށް ހެކި އެބަހުރި: އަމުރު
ސިނގިރޭޓް ވައްކަމުގައި މުއާޒުގެ ބައިވެރިވުން އޮތްކަމަށް ގަބޫލުކުރެވޭ މިންވަރަށް ހެކި އެބަހުރި: އަމުރު

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގުމުގައި މުއާޒް އަލީގެ ބައިވެރިވުން އޮތް ކަމަށް ގަބޫލު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓް ގެއްލުނު މައްސަލާގައި ހައްޔަރުކޮށްފައިވާ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓު މުއާޒުގެ ބަންދަށް އިތުރު 10 ދުވަސް ކޯޓުން އިއްޔެ ވަނީ ދީފަ އެވެ.

އެ އަމުރުގައި ބުނެފައިވާ ގޮތުގައި މުއާޒާ ދެކޮޅަށް ހުށަހަޅާފައިވާ ބަޔާންތަކުގައި ހުރި ތަފްސީލީ ވާހަކަތަކަށް ބަލާއިރު ތުހުމަތުކުރެވޭ މިންވަރުގެ ހެކި ހުރިކަމަށް ބެލެވެ އެވެ. އަދި އޭނާއާ ކުށާ ގުޅުވާލެވޭ މިންވަރަށް ފުލުހުންގެ ފަރާތުން ހެކި ހުށަހަޅާފައިވާ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.

މުއާޒުގެ މައްޗަށް ފުލުހުން ކުރަނީ އެމްޕީއެލްގެ ބެލުމުގެ ދަށުން ހުޅުމާލޭ ޕޯޓުގައި ހުރި ސިނގިރޭޓުތައް ވަގަށް ގެންދިއުމަށް ފަންޑުކުރި ކަމުގެ ތުހުމަތެވެ.

މުއާޒުގެ އިތުރުން މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަދި ކަސްޓަމްގެ މިހާރުގެ ވެސް އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް މި މައްސަލައާ ގުޅިގެން ވަނީ ހައްޔަރުކޮށްފަ އެވެ.

ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގެ ތަހުގީގަށް މުއާޒް ހައްޔަރުކުރުމާ ގުޅިގެން، މިފްކޯގައި އޭނާ ވަޒީފާ އަދާކުރަމުން އައި އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުން ވެސް ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ސަސްޕެންޑުކޮށްފަ އެވެ.

ސިނގިރޭޓުތައް ގެއްލުނު މައްސަލައިގެ ތަހުގީގާ ގުޅިގެން އެމްޕީއެލްގެ އިތުރު މުވައްޒަފުންތަކެއް ހައްޔަރު ނުކުރިއަސް މިހާތަނަށް ހަ މީހަކު ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އެ ތަހުގީގުގެ ބޭނުމަށް 12 މީހަކު ވަނީ ރާއްޖެ އިން ފުރުން މަނާކޮށްފަ އެވެ.

ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓުތައް ނައްތާނުލައި އެމްޕީއެލްގެ ބަނދަރުގައި ހަ މަސް ދުވަހަށް ވުރެ ގިނައިން ބަހައްޓާފައި ހުރީ ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި ތަހުގީގު ނުނިމޭތީ އެވެ. އެ ތަކެތި ބަނދަރުގައި ހުއްޓާ ގެއްލުނުކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ.

ރާއްޖެ އަށް ވަގަށް އެތެރެކުރި ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.