21 އޮކްޓޯބަރ 2025 - 11:36

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެއް ދުވަހެއްގެ ދަތުރެއްގައި އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވަނީ މިކަން ކަށަވަރުކޮށްދެއްވައިފަ އެވެ. އިތުރު ތަފްސީލެއް އެފްއޭއެމުން އަދި ނުދެ އެވެ.
އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އިންފަންޓީނޯގެ މި ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާނެ އެވެ. މީގެ އިތުރުން ފުޓްބޯޅައިގެ ސްޓޭކްހޯލްޑަރުންނާ އެކު ވެސް ބައްދަލުވުމެއް އޭނާ ބައްވާނެ އެވެ.
ޕްރައިވެޓް ޖެޓެއްގައި ހުކުރު ދުވަހުގެ ހެނދުނު ރާއްޖެ އަށް ވަޑައިގެންނެވުމަށް ފަހު، އެނގިފައިވާ ގޮތުގައި އެ ދުވަހު ހަވީރު އޭނާ ފުރުއްވާނެ އެވެ.
މިއީ ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ސެޕް ބެލްޓާ ވަނީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން 2006 ގައި ދެ ދުވަހަށް ރާއްޖެ ޒިޔާރަތްކުރައްވައިފަ އެވެ. އެ ފަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމާ ބައްދަލުކުރައްވައި ބްލެޓާ ވަނީ ރާއްޖޭގެ ސުނާމީ ރިކަވަރީ ޕްރޮގްރާމަށް ފީފާގެ ފަރާތުން ދެ މިލިއަން ޑޮލަރު ހަދިޔާކުރައްވައިފަ އެވެ.
އިންފަންޓީނޯގެ މި ދަތުރަކީ، ބެލެވޭ ގޮތުގައި ރާއްޖޭގެ ފުޓްބޯޅަ އަލުން ކޮޅަށް ނަގަން އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދެއްވުމަށް ކުރައްވާ ދަތުރެކެވެ. ކޮރަޕްޝަނުގެ މައްސަލައެއްގައި މިހާރު ވެސް ޖަލުގައި ހުރި ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި އެފްއޭއެމް ތެރޭގައި ކޮރަޕްޝަނުގެ ފުޅައަޅައި، ހިންގުން ދޯދިޔާވެ ފުޓްބޯޅަ އޮތީ ހުއްޓިފަ އެވެ. މިހާރުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ރައީސްގެ މަގާމަށް ވަޑައިގެންނެވީ އެ ހާލަތު ބަދަލުކުރަން ފީފާ އިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީން ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ.
ދާދި ފަހުން ތޯރިގް ވަނީ ސްވިޒަލެންޑުގެ ޒިއުރިކުގައި ހުންނަ ފީފާގެ އޮފީހުގައި އިންފަންޓީނޯއާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމަށް ފަހު އިންފަންޓީނޯ ވަނީ ތޯރިގުގެ މަސައްކަތަށް ތައުރީފުކުރައްވައިފަ އެވެ. އަދި ދާދި ފަހުން ސްރީ ލަންކާ ބަލިކޮށް ރާއްޖޭން ހޯދި ސައުތު އޭޝިއަން ސުޕަ ކަޕްގެ ކާމިޔާބަށް ވެސް އޭނާ ތައުރީފުކުރެއްވި އެވެ.
"ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން (އެފްއޭއެމްގެ) ރައީސް ތޯރިގްގެ މި މަސައްކަތުގައި އޭނާގެ ތަޖުރިބާ އާއި ވިސްނުން ކުރިއަށް ނެރޭނެކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ،" އިންފަންޓީނޯ ވިދާޅުވި އެވެ.