21 އޮކްޓޯބަރ 2025 - 12:12

ޕީޕީއެމްގެ ވެރިކަމުގައި ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވީ އިދިކޮޅު އެމްޑީޕީން ކަމަށާއި ބޮޑު ނަފާއެއް ލިބޭ އެފަދަ މަޝްރޫއުތައް ދެން ނުހުއްޓުވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ އިސް މެންބަރު އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
އެސްއީޒެޑް ގާނޫނަށް ބަދަލުތަކެެއް ގެންނަން ސަރުކާރުގެ ފަރާތުން ޝުޖާއު ހުށަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ޝުޖާއު ވިދާޅުވީ، އެ ބިލުގައިވާ މުހިއްމު އިސްލާހުތައް، އެސްއީޒެޑް ގާނޫނަށް ގެނެސް، "އިގުތިސާދީ އާ ދޮރެއް" ހުޅުވާލާއިރަށް އިދިކޮޅު އެމްޑީޕީން އެކަމާ ދެކޮޅު ހަދައި ރާއްޖެ ހަލަބޮލިކުރަން ނުކުންނާނެ ކަމަށެވެ.
ފ. މަޝްރޫއުއަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާ އިން ރާއްޖޭގައި ހިންގަން އުޅުނު ތަރައްގީގެ ބޮޑު މަޝްރޫއުއެއް ކަަމާއި އެ މަޝްރޫއު ހުއްޓުނީ ރާއްޖެއަކީ އިންވެސްޓްމެންޓްތަކަށް ފަހި މާހައުލެއް އޮތް ތަނެއް ނޫން ކަމަށް ދައްކަން އެމްޑީޕީން ކުރި މުޒާހަރާތަކުގެ ސަބަބުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"އަނެއްކާ ވެސް އަޅުގަނޑުމެންނަށް މި ޖެހެނީ އަލުން މި ކަހަލަ މަސައްކަތްތައް ފަށަން. އެހެން ނަމަވެސް އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ މިއަދު އަަޅުގަނޑުމެން މި ފަށާ މަަސައްކަތުގައި، އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މިގައުމު އާރާސްތުކޮށް، ފަތުުރުވެރިކަމަށް އެކަނި ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ބޮޑެތި އިކޮނޮމިކް ޒޯންތައް ގާއިމްކޮށް، އެ ތަންތަނުން ދިވެހި ރައްޔިތުންނަށް ލިބޭ މަންފާ އިތުރު ކުރުމުގެ މަޝްރޫއު ނުހުއްޓޭނެ އެމްޑީޕީއަކަށް ދެނެއް،" ޝުޖާއު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއުއަކީ ސައުދީ ޝާހީ އާއިލާ އަށް އެ އަތޮޅު ވިއްކާލުން ކަމަށް އެމްޑީޕީން އޭރު ސިފަކޮށް، ވަރުގަދަ ކެމްޕެއިނެއް ހިންގި އެވެ.
އެމްޑީޕީގެ އެ ވާހަކަތަކާ އެކު، އެ މަޝްރޫއު އެއްކޮށް ވަނީ އޭރު ހުއްޓާލައިފަ އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި، އެ ގޮތަށް ކަންތައް ކޮށް އެ މަޝްރޫއު ނުހުއްޓުނު ނަމަ ރާއްޖެ އަށް އިގުތިސާދީ ގޮތުން ވަރަށް ބޮޑެތި ފައިދާތައް ވީހެވެ.
"އެ ދުވަހު އެ މަޝްރޫއު ހަގީގަތަކަށް ވެގެން ދިޔަ ނަމަ ދިވެހިރާއްޖެ އަށް މިލިބޭ، މިހާރު ޓެކުހުގެ ގޮތުގައި މިލިބޭ [ޖުމްލަ] އާމްދަނީ އަށް ވުރެން ބޮޑު އާމްދަނީއެއް އަޅުގަނޑުމެންގެ ގައުމަށް ޓެކުހުގެ ގޮތުގައި ހަމަ އެކަނި އެ ޒޯނުން އަޅުގަނޑުމެންނަށް ލިބިގެންދޭ،" ޝުޖާއު ވިދާޅުވި އެވެ.
އެސްއީޒެޑް ގާނޫނަށް ބަދަލުތައް ގެންނަން ސަރުކާރުގެ ފަރާތުން ޝުޖާއު މިއަދު ހުށަހެޅުއްވި ބިލުން ގެންނަ އެންމެ ބޮޑު ބަދަލަކީ މީހުން ދިރިއުޅޭ ޓައުންޝިޕްތައް ވެސް އިގުތިސާދީ ހާއްސަ ސަރަހައްދުތަކުގެ ގޮތުގައި އުފެއްދުމުގެ ހުއްދަ ލިބުމެވެ. އެ ބިލުގައިވާ ގޮތުން އެފަދަ ޓައުންޝިޕެއް ތަރައްގީ ކުރަން ހުއްދަ ދޭނީ އެންމެ މަދުވެގެން 500 މިލިޔަން ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށެވެ.
ސައުދީގެ ޝާހީ އާއިލާ އިން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއުއަކީ އެ އާއިލާ އަށް އެ އަތޮޅު ވިއްކާލުން ކަމަށް އެމްޑީޕީން ސިފަކުރަން ފެށުމުން އޭރުގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ ސަަރުކާރުން އެ އަތޮޅު ވިއްކާލަން ނޫޅޭ ކަމަށާއި ހިންގަން އުޅުނީ 10 ބިލިއަން ޑޮލަރުގެ އަގު ހުރި މަޝްރޫއުއެއް ކަމަށެވެ.
ޕީޕީއެމުން މާޗު 1، 2017 ގައި ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވީ ފ. އަތޮޅު މަޝްރޫއުއަކީ "މީހަކު މޭކަރަން ޖެހޭވަރުގެ ކަމެއް ނޫން" ކަމަށެވެ. އެ އަތޮޅަށް އަންނަން އުޅެނީ ރާއްޖެ އަށް ދުވަހަކު ވެސް ނާންނަ ވަރުގެ ބިޔަ މަޝްރޫއެއް ކަމަށް ވިދާޅުވެ، މަޝްރޫއާ އެކު ދުނިޔޭގެ ގައުމުތަކުގެ ޗާޓުގެ އެންމެ ކުރިއަށް ރާއްޖެ އަރާނެ ކަމުގެ ޔަގީންކަން ވެސް ޔާމީން ދެއްވި އެވެ.
"ފ. އަތޮޅަށް އަންނަން މިއޮތީ އެތައް ހާސް ބިލިއަން ޑޮލަރެއްގެ ޕްރޮޖެކްޓެއް. އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، އަޅުގަނޑުމެންގެ ނެގޯސިއޭޝަންތަކުގެ ތެރޭގައި އެއް އެސްޓިމޭޓަކަށް ގާތްގަނޑަކަށް 10 ހާސް ބިލިއަން ނުވަތަ 10 ބިލިއަން ޑޮލަރުގެ މަޝްރޫއެއް މިއީ،" ފ. އަތޮޅުގައި ހިންގާ މަޝްރޫއާ ބެހޭ ގިނަ މައުލޫމާތުތަކެއް ފުރަތަމަ ފަހަރަށް ހާމަކުރައްވަމުން ޔާމީނު އޭރު ވިދާޅުވި އެވެ.
ސައުދީ ޝާހީ އާއިލާއިން ފ. އަތޮޅުގައި ހިގަން އުޅުނު މަޝްރޫއާ މެދު އޭރުގެ އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެއް ކަމަކީ އެ މަޝްރޫއުގެ ތަފްސީލު ހާމަނުކުރުމެވެ، އެ ކަންބޮވުންތަކަށް ވެސް އެ ޖަލްސާގައި ޔާމީން ރައްދު ދެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެ އަތޮޅުގައި ހިންގާ މަޝްރޫއު ފަދަ ބިޔަ މަޝްރޫއުތަކުގެ ތަފްސީލު ނުލިބިގެން އެއްވެސް މީހަކު ކަންބޮޑުވާކަށް ނުޖެހެ އެވެ. އެ ތަފްސީލުތައް ހާމަކުރާނީ، މަޝްވަރާތައް ނިމި ހާމަކުރަން ޖެހޭ ހިސާބުން ކަމަށް ވިދާޅުވި އެވެ.
ޔާމީނު އޭރު ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން "ހީނުކުރާ މިންވަރަށް" ފ. އަތޮޅު ތަރައްގީ ވާނެ ކަމަށެވެ. އޭގެ ނަފާ ލިބެން އޮތީ ހަމައެކަނި އެ އަތޮޅުގެ ރައްޔިތުންނަށް ނޫން ކަމަށާއި އެއީ ދިވެހި ހުރިހާ ރައްޔިތުންނަށް ފައިދާކުރާނެ މަޝްރޫއެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ފ. މަޝްރޫއުގެ ވާހަކަ ފެންމަތިވެފައި ވަނިކޮށް، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު މާޗު 18، 2017 ގައި ރާއްޖެ އަށް ކުރައްވަން ހަމަޖެއްސެވި ދަތުރުފުޅު ވެސް ފަސްކުރެއްވި އެވެ. އޭގެ ފަހުން އެ ގައުމުގެ ސައޫދީ ރަސްގެފާނު އަދި ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ވެސް ރާއްޖެ އަށް ވަޑައެއް ނުގަންނަވަ އެވެ.