21 އޮކްޓޯބަރ 2025 - 10:56

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ މިހާރު ކުޅޭ ސައޫދީ އަރަބިއްޔާގެ އައް ނަސްރު އިން އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗަކަށް ރާއްޖޭގެ ބިއޯންޑް އެއާލައިނުގައި ރޭ އިންޑިއާ އަށް ދަތުރުކޮށްފި އެވެ.

މިއީ ޗެމްޕިއަންސް ލީގު ޓޫގެ ގްރޫޕް ޑީ ގައި އިންޑިއާގެ ގޯއާއާ ދެކޮޅަށް މާގައޫގެ ޖަވާހަރްލާލް ނެހެހޫ ސްޓޭޑިއަމުގައި މާދަމާ ހަވީރު ކުޅޭ މެޗެކެވެ.
އައް ނަސްރު ޓީމު ގޮވައިގެން ދަތުރުކުރި ފްލައިޓުގެ ނުވަ ކްރޫ މެމްބަރުންގެ ތެރެއިން ހަތް ކްރޫއިންނަކީ ދިވެހިންނެވެ. އެއީ ޕައިލެޓާއި ކޯ ޕައިލެޓާއި ހެޑް އޮފް އިންޖިނިއަރިންގެ އިތުރުން ހަތަރު ކެބިން ކްރޫއިންނެވެ.
އައް ނަސްރުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ރޮނާލްޑޯ މި މެޗުގައި ބައިވެރިއެއް ނުވެ އެވެ. އުމުރުން 40 އަހަރުގެ ކުޅުންތެރިޔާ އަށް، ސައޫދީން ބޭރުގައި ނަސްރު ކުޅޭ މެޗުތަކުގެ ތެރެއިން ބައެއް މެޗުތައް ނުކުޅެ ދޫކޮށްލުމުގެ އިހުތިޔާރު ލިބެ އެވެ.
އެކަމަކު އައް ނަސްރުގައި ހިމެނޭ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ކަމަށްވާ ސެނެގާލުގެ ސަޑިއޯ މާނޭ އާއި ކްރޮއޭޝިއާގެ މާސެލޯ ބްރޮޒޮވިޗާއި ފްރާންސްގެ ކިންސްލީ ކޯމަން އާއި ސްޕެއިނުގެ އިނިގޯ މާޓިނޭޒް އާއި ޕޯޗުގަލްގެ ޔޮއާ ފެލިކްސް ފެލިކްސް ޓީމާ އެކު ބިއޯންޑުގައި އިންޑިއާ އަށް ދިޔަ އެވެ.
ރާއްޖޭގެ ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެސްކް ހިއްސާވާ ޖޮއިން ވެންޗާއަކުން ހިންގާ ބިއޯންޑަކީ ދުނިޔޭގެ ފުރަތަމަ ޕްރީމިއަމް ލެޝާ އެއާލައިނެކެވެ. ހުރިހާ ސީޓެއް ވެސް ބިޒްނަސް ކްލާސް ފެންވަރުގައި ހުންނަ މި އެއާލައިނުން ޝެޑިއުލް ދަތުރުކުރަނީ ރާއްޖެ އާއި ދުބާއީ، ޒިއުރިކް، ރިޔާދް، މިލާން، އަދި މިއުނިކާ ދެމެދު އެވެ. އޭގެ ބޭރުން ވެސް ވަރަށް ގިނަ ޗާޓަރު ދަތުރުކުރެ އެވެ.
އެގޮތުން މިދިޔަ އިންޓަނޭޝަނަލް ބްރޭކުގެ ތެރޭގައި އިޓަލީގެ އިންޓަ މިލާނާއި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން ލީބިޔާގައި ކުޅުނު އެކުވެރިކަމުގެ މެޗަށް، އިންޓަ އިން އުދުހުނީ މި އެއާލައިންގަ އެވެ. ޓްރިޕޮލީ އިން އެނބުރި މިލާނަށް އިންޓަ ޓީމު ދިޔައީ ވެސް ބިއޯންޑުގަ އެވެ.