30 މާޗް 2017 - 06:20

މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލުމަށް ފަހު އެކަމުން ސަލާމަތްވާން މަސައްކަތްކުރާ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ، މަސްތުވާތަކެއްޗާ ހަށިގަނޑު ދުރުވުމުގެ މަރުހަލާ ލަސްކުރުވާ ކަމެއްކަން ދިރާސާއަކުން އެނގިއްޖެ އެވެ.
މަސްތުވާތަކެތި ބޭނުންކުރާ ގިނަ މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ވެސް ކުރާ މީހުންނަށް ވާއިރު، މަސްތުވާތަކެއްޗާ ދުރުކުރުމުގެ ފަރުވާގައި ދުންފަތާ ދުރުކުރުމަށް މަސައްކަތް ނުކުރާކަން ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
"މިކަމުގައި ގަބޫލުކުރެވިފައި އޮންނަނީ މަސްތުވާތަކެއްޗާ ދުރުވާން މަސައްކަތްކުރާއިރު ދުންފަތާ ދުރުވާން ބުނުމަކީ ފަރުވާ ހޯދާ މީހާއަށް ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށް. ނުވަތަ މަސްތުވާތަކެތި ހުއްޓާލުމުން ކުރިމަތިވާ އުނދަގޫތަކާ ކުރިމަތިލުމުގައި ދުންފަތަކީ އެހީއެއް ކަމަށް ވެސް ގަބޫލުކުރޭ. އެކަމަކު އެއީ ގުޅުމެއް ހުރި ކަންކަން ނޫންކަން ދިރާސާއިން އެނގުނު،" ދިރާސާގައި އިސްކޮށް ހުންނެވި ރީނީ ގުޑްވިން ވިދާޅުވި އެވެ.
ކޮލަމްބިއާ ޔުނިވަސިޓީގެ ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ޑިޕާޓްމަންޓް އޮފް އެޕިޑެމިއޮލޮޖީގައި މަސައްކަތްކުރައްވާ ގުޑްވިން އާއި އޭނާގެ ޓީމުން މި ދިރާސާ ކުރުމަށް، އެމެރިކާ ސަރުކާރުން ދިރާސާއަކަށް އެއްކޮށްފައިވާ، 35،000 މީހެއްގެ މައުލޫމާތު ބޭނުންކުރި އެވެ. ރަލާއި މަސްތުވާ އެހެން ބާވަތްތައް ބޭނުންކުރާ މީހުންގެ މައުލޫމާތު ހިމެނޭ އެ ދިރާސާއިން އެނގުނު ގޮތުގައި މަސްތުވާތަކެތި ހުއްޓާލުމަށް ފަހު ވެސް ދުންފަތުގެ އިސްތިއުމާލުކުރާ މީހުން، ތިން އަހަރު ތެރޭ އަލުން މަސްތުވާތަކެތި ބޭނުންކުރަން ފެށުމުގެ ފުރުސަތު ދެ ގުނަ އިތުރެވެ.
މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލުމަށް ފަހު ވެސް ދުންފަތުގެ އިސްތިއުމާލުކުރި މީހުންގެ ތެރެއިން 11 ޕަސެންޓް މީހުން އަލުން މަސްތުވާކެތި ބޭނުންކުރަން ފެށި އެވެ. އަދި އެ މީހުން ދުންފަތުގެ އިސްތިމާލުކުރުން ވެސް ހުއްޓައެއް ނުލަ އެވެ. އަދި 8 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލި އެވެ. ދިރާސާގައި ބައިވެރިކުރި މީހުންގެ ތެރެއިން 6.5 ޕަސެންޓް މީހުންނަކީ ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނެވެ.
ދިރާސާގައި މަސައްކަތްކުރެއްވި، އަލްބަޓް އެއިންސްޓެން ކޮލެޖް އޮފް މެޑިސިންގެ ޑިޕާޓްމަންޓް އޮފް އެޕިޑެމިއޮލޮޖީ އެންޑް ޕޮޕިއުލޭޝަންގެ އެސިސްޓެންޓް ޕްރޮފެސަރެއް ކަމަށްވާ އެންޑްރިއާ ވެއިންބާގާ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުން ކޮންމެ މީހެއްގެ ސިއްހަތަށް ވެސް ފައިދާކުރާނެ ކަމަށާއި އެކަމަކު މިއީ މަސްތުވާތަކެތިން ސަލާމަތްވުމަށް އޮތް ވަރަށް ބޮޑު އެހީއެއް ކަމަށެވެ.
ޖާނަލް އޮފް ކްލިނިކަލް ސައިކޭޓްރީގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވާ ގޮތުގައި މަސްތުވާތަކެއްްޗާ ދުރުވުމަށް ދުންފަތް ދޫކޮށްލަން ޖެހޭ ކަމަށް އިތުރު ދިރާސާތަކުން ދައްކައިފި ނަމަ މަސްތުވާތަކެއްޗަށް ދޭ ފަރުވާއާ އެކު ދުންފަތާ ދުރުކުރުމަށް ވެސް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.