21 އޮކްޓޯބަރ 2025 - 10:13

ކޮމެޑީ ރޯލުތައް ކުޅުމަށް މަޝްހޫރުގެ އިންޑިއާގެ އެކްޓަރު ގޯވަރްދަން އަސްރާނީ އިއްޔެ މަރުވެއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އުމުރުން 84 އަހަރުގައި އަސްރާނީ މަރުވީ ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުން އަންނަނިކޮށެވެ. ފަރުވާއަށް މުމްބާއީގެ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކުރީ މީގެ ހަތަރު ދުވަސް ކުރިންނެވެ.
އަސްރާނީ ވަނީ އޭނާގެ 50 އަހަރުވީ ދިގު ފިލްމީ ކެރިއަރުގައި 300 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށްފަ އެވެ. ހިންދީ ފިލްމުތަކުގެ އިތުރުން ގުޖުރަތީ ފިލްމުގައި ވެސް އޭނާ މަސައްކަތްކޮށްފައިވެ އެވެ.
ފިލްމުތަކުގައި އޭނާ ކުޅުނު ރޯލުތަކުގެ ތެރެއިން ބޮލީވުޑްގެ ކްލެސިކް ފިލްމު "ޝޯލޭ"ގައި ކުޅުނު ޖެއިލަރުގެ ރޯލު ވަރަށް ފާހަގަކޮށްލެވެ އެވެ. އަސްރާނީ ވަނީ 70ގެ އަހަރުތަކުގައި ނުކުތް ވަރަށް ގިނަ ފިލްމުތަކުގައި ކޮމެޑީ ރޯލުތައް ކުޅެފަ އެވެ.
ކޮމެޑީ ރޯލުތައް ކުޅެގެން އޭނާއަށް 70ގެ އަހަރުތަކުގައި ދެ ފަހަރެއްގެ މަތިން އެންމެ މޮޅު ކޮމީޑިއަންގެ ފިލްމްފެއާ އެވޯޑު ވެސް ލިބިފައިވެ އެވެ.
ފަހުގެ މަޝްހޫރު ފިލްމުތަކުގެ ތެރެއިން "ހީރާ ޕޭރީ" އާއި "ޗުޕް ޗުޕް ކޭ" އާއި "ބޫލް ބުލައްޔާ" އާއި "ދޭ ދަނާ ދަން" އަދި "ދަމާލް" ކަހަލަ ފިލްމުތަކުގައި އޭނާ ކުޅުނު ރޯލުތަކަށް ވެސް ގިނަ ބައެއްގެ ލޯބި ލިބުނެވެ.
އަސްރާނީ މަރުވި އިރު އޭނާގެ އަންބަކު ދުނިޔޭގައި އެބަހުއްޓެވެ. އެ ދެމަފިރިންނަށް ކުއްޖަކު ނުލިބެ އެވެ.