މީހުން ދިރިއުޅޭ ޓައުންޝިޕްތައް އެސްއީޒެޑްގައި ހިމެނޭ ގޮތަށް ގާނޫނު ބަދަލުކުރަނީ
މީހުން ދިރިއުޅޭ ޓައުންޝިޕްތައް އެސްއީޒެޑްގައި ހިމެނޭ ގޮތަށް ގާނޫނު ބަދަލުކުރަނީ

ސްޕެޝަލް އިކޮނޮމިކް ޒޯނުތަކުގައި މީހުން ދިރިއުޅެވޭ ގޮތަށް "ޓައުންޝިޕް" އުފެއްދޭ ގޮތަށް ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި ބިލުގައި އެސްއީޒެޑް ގާނޫނަށް ގެންނަން ހުށަހަޅާފައި އޮތް އެންމެ ބޮޑު ބަދަލަކީ އެސްއީޒެޑްގެ ގޮތުގައި އުފެއްދޭނެ ސަރަހައްދުތަކުގެ ބާވަތްތަކަށް ގެންނަ ބަދަލެވެ.

އެސްއީޒެޑްގެ ގާނޫނުގެ 20 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން އިގުތިސާދީ ހާއްސަ ސަރަހައްދެއްގެ ގޮތުގައި، އެ ގާނޫނުން ގާއިމް ކުރެވޭނީ ސިނާއީ ސަރަހައްދުތަކެވެ. ނަމަވެސް ޝުޖާއު ހުށަހެޅުއްވި ބިލުގައި އޮތީ އެ މާއްދާއަށް ނަންބަރެއް އިތުރުކޮށް، "ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ނަމުގައި ކެޓަގަރީއެއް އިތުރު ކުރުމަށެވެ.

ބިލުގައި އޮތްގޮތުން، ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ގާއިމްކުރާ ސަަރަހައްދުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރުމުގެ އިތުރުން ރިއަލްއެސްޓޭޓް ވިޔަފާރި ވެސް ކުރެވޭނެ އެވެ. އަދި އެ ދެ ބާވަތުގެ ވަސީލަތްތަކާއެކު ގާއިމްކުރާ އެ ސަރަަހައްދު މެނޭޖްކުރާނީ އެއް މެނޭޖްމަންޓަކުން ކަމަށް ބިލްގައިވެ އެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގޮތުގައި އުފެއްދޭނީ ކޮން ބާވަތްތަކެއްގެ މަސައްކަތްތަކެއް ހިންގާ ސަރަހައްދުތަކެއް ކަން ކަނޑައަޅަން އެސްއީޒެޑް ގާނޫނުގެ 20 ވަނަ މާއްދާ މިހާރު އޮތްގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގޮތުގައި އުފެއްދޭނީ އަށް ބާވަތެއްގެ އެސްޓެބްލިޝްމެންޓް ތަކެވެ.

އެއީ:

ހ- އިންޑަސްޓްރިއަލް އެސްޓޭޓް

ށ- އެކްސްޕޯޓް ޕްރޮސެސިން ޒޯން

ނ- ފްރީޓްރޭޑް ޒޯން

ރ- އެންޓަޕްރައިޒް ޒޯން

ބ- ފްރީ ޕޯޓް

ޅ- ސިންގަލް ފެކްޓްރީ އެކްސްޕޯޓް ޕްރޮސެސިން ޒޯން

ކ- އޯފްޝޯ ފައިނޭންޝަލް ސާވިސް

އ- ހައިޓެކްނޮލޮޖީ ޕާކް

ޝުޖާއު ހުށަހެޅުއްވި ބިލުގައި އޮތީ އެ މާއްދާގެ (ވ) ގެ ގޮތުގައި "ސަސްޓެއިނަބްލް ޓައުންޝިޕް" ހިމެނުމަށެވެ. އެފަދަ ޓައުންޝިޕް އުފެއްދުމުގެ ގިނަ ޝަރުތަކެއް އެ ބިލުގައި ކަނޑައަޅާފައިވެ އެވެ. އެގޮތުން އެންމެ ބޮޑު ޝަރުތަކަށް އެ ބިލުގައި އޮތީ ޓައުންޝިޕް އުފައްދަން އިންވެސްޓްކުރަން ޖެހޭ ފައިސާގެ އަދަދެވެ.

އެ އިސްލާހުގައިވާ ގޮތުން ސަސްޓެއިނަބަލް ޓައުންޝިޕެއް އުފެއްދޭނީ މަދުވެގެން 500 މިލިއަން ޑޮލަރު އިންވެސްޓް ކުރާނަމަ އެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ގާއިމްކޮށް، އެ ސަރަހައްދުގައި ބޭނުންކުރާ ހަކަތައިގެ 60 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހަދަން ޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.