21 އޮކްޓޯބަރ 2025 - 05:59

ގިނަ އަދަދެއްގެ އެޕްތަކާއި އެކި ކުންފުނިތަކުގެ ހިދުމަތްތަކަށް ބުރޫއެރުމަށް މެދުވެރިވި އެމެޒޯން ވެބް ސާވިސް (އޭޑަބްލިޔުއެސް) ގެ މައްސަލަ ދެނެގަނެ 15 ގަޑިއިރަށް ފަހު އެކަން ހައްލުކޮށްފައިވާ ކަމަށް އެމެޒޯން އިން ބުނެފި އެވެ.
އެ ކުންފުނިން ނެރުނު އަޕްޑޭޓެއްގައި ބުނެފައި ވަނީ އަސްލު މައްސަލަ ހައްލު ކުރެވިފައިވާ ކަމަށާއި ނަމަވެސް ބައެއް އޭޑަބްލިއުއެސް ހިދުމަތްތަކަށް އަދިވެސް ކަނެކްޓިވިޓީ މައްސަލަ ދިމާވާ ކަމަށެވެ.
އޭގެ ތެރޭގައި ސްމާޓްފޯނާއި ކޮމްޕިއުޓަރުތަކުން ކްލައުޑުން އެޕްތައް ހިންގަން ބޭނުންކުރާ ލެމްބްޑާ ހިދުމަތް ވެސް ހިމެނެ އެވެ.
އޭގެ ފަހުން އޭޑަބްލިއުއެސް އިން ބުނީ ޓެކްނިކަލް މައްސަލަތަކަށް ހައްލު ލިބިފައިވާ ކަމަށާއި މައްސަލަ ދިމާވި ސަބަބު ބަޔާންކޮށް ވަރަށް އަވަހަށް ރިޕޯޓެއް ނެރޭނެ ކަމަށެވެ.
އޭޑަބްލިޔުއެސް އަކީ ވަރަށް ގިނަ ވެބްސައިޓްތައް މައި އިންފްރާސްޓްރަކްޗާ އެވެ. އެހެންވެ އެއަށް ދިމާވާ މައްސަލައެއްގެ އަސަރު ވަރަށް ގިނަ ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކަށް ކުރާނެ އެވެ. ސްމާޓްފޯނުގައި ހުންނަ ގިނަ އެޕްތައް އޮޕަރޭޓް ކުރަނީ ވެސް އޭޑަބްލިއުއެސް ޑޭޓާ ސެންޓަރުތަކުގަ އެވެ.
ދިމާވި މައްސަލައިގެ ސަބަބުން އެކި ގޮތްގޮތުން ހިދުމަތަށް ބުރޫ އަރާފައިވާ މަޝްހޫރު އެޕްތަކާއި ސައިޓްތަކުގެ ތެރޭގައި ސްނެޕްޗެޓް، ޒޫމް، ރޯބްލޮކްސް، ކްލޭޝް ރޮޔާލް، މައި ފިޓްނެސް ޕާލް، ލައިފް360، ކްލޭޝް އޮފް ކްލޭންސް، ފޯޓްނައިޓް، ކެންވާ، ވޯޑްލް، ސިގްނަލް، ކޮއިންބޭސް، ޑުއޮލިންގޯ، ސްލެކް، ސްމާޓްޝީޓް، ޕޮކެމަންގޯ، އެޕިކް ގޭމްސް، ޕްލޭޝްޓޭޝަން ނެޓްވޯކް، ރޮކެޓްލީގް އަދި މި ނޫނަސް އެތައް އެޕަކާއި ސައިޓްތައް ހިމެނެ އެވެ.
ބޮޑެތި ބައެއް ބޭންކުތަކާއި އާންމު ހިދުމަތްތައް ދޭ އެކި ކުންފުނިތައް ވެސް މިކަމާ ހެދި ހުއްޓުމަކަށް އައިސްފައިވެ އެވެ.