21 އޮކްޓޯބަރ 2025 - 07:10

ލ. ކައްދޫ އެއާޕޯޓު، ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރަން އެމްއޭސީއެލްއާ ރޭ ހަވާލުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގައި ސޮއިކުރައްވައިފަ އެވެ.
އޭގެ ތެރޭގައި ކައްދޫ އެއާޕޯޓު، އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް، އޮޕަރޭޓް ކުރުމާއި ފޮނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނެ އެވެ.
އެ މަޝްރޫއުތައް ހިންގުމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަދި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ސޮއިކުރެއްވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކައްދޫ އެއާޕޯޓު ތަރައްގީ ކުރަނީ 2،800 މީޓަރުގެ ދިގު ރަންވޭއަކާއެކު ކަމަށެވެ. އެ މަސައްކަތްތައް ކުރަނީ ކައްދޫ ސިފައިންގެ މަރުކަޒު، އެހެން ތަނަކަށް ބަދަލުކުރަން ނުޖެހޭ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.
އެއާޕޯޓު ބޮޑުކުރުމާ އެކު، ފޮނަދު އަށް ވެސް ބިން އިތުރު ވާނެ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެއާޕޯޓު މަޝްރޫއު އަށް 114 ހެކްޓަރުގެ ބިން އަދި ފޮނަދޫގެ ބޭނުމަށް 30 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.
ބިން ހިއްކުމުގެ މަޝްރޫއު މިއަދު ހެނދުނު ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.