20 އޮކްޓޯބަރ 2025 - 23:38

ވެލެންސިއާގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީން ފުރަތަމަ މޮޅު ހޯދައިފި އެވެ.

މިރޭގެ މެޗާ ހަމައަށް އައިރު ލީގުގައި ޕޮއިންޓެއް ވެސް ނުލިބި އޮތީ ޓީސީ އަށް އެކަންޏެވެ. މެޗުން މޮޅުވެ އެ ޓީމުން ވަނީ ތިން ޕޮއިންޓް ހޯދައި ތާވަލުގެ ފުލުން ސަލާމަތް ވެފަ އެވެ.
ވެލެންސިއާގެ ގޯލް ހުޅުވަން ޓީސީ އަށް މާ އުނދަގޫ ކަމަކަށް ނުވި އެވެ. މެޗު ފެށިގެން ފަސްވަނަ މިނެޓްގައި އިޒާން އަލީ ޓީސީ އަށް ލީޑް ނަގައި ދިނީ އިޒާން އަލީ އެވެ.
ޓީސީގެ ގާނާގެ މިޑްފީލްޑަރު ޕްރިންސް ބޯޑޫ ދިން ބޯޅަ އިޒާން އަށް ލިބުނީ ވެލެންސިއާގެ ޒުވާން ޑިފެންޑަރުންނަށް ހެދުނު ގޯހަކުންނެވެ. އެ ބޯޅަ ލިބިގަނެ އޭރިއާ ތެރެއަށް ވަދެ އިޒާން ވަނީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ގާތްގަނޑަކަށް އޭގެ ހަ މިނެޓް ފަހުން ޓީސީން ދެވަނަ ލަނޑު ވެސް ޖެހި އެވެ. އަހްނަފް މުހައްމަދު ތަސްނީމް ޖެހި އެ ގޯލްގައި ވެސް ޕްރިންސް ހިއްސާވި އެވެ.
ޓީސީގެ މުހައްމަދު ޔަޒްދާން ހުސައިން ވެލެންސިއާގެ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ޕްރިންސް ބޮލުން ފޮނުވާލުމުން އެ ބޯޅަ ލިބުނީ އަހްނަފްއަށެވެ. އޭނާ ވަނީ އެއްފަހަރު ޖަހައި ގޯލްގެ މަތީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ދަނޑުގެ ބޮކިތައް ނުވި ކުޅުން މެދެކަނޑާލަން ޖެހުނެވެ. ނަމަވެސް އޭރު ފުރަތަމަ ހާފުގެ އިތުރު ވަގުތު ހަމަވުމުން، އެ ހާފް ނިންމާލި އެވެ. ދެވަނަ ހާފުގެ ކުޅުން ފެށީ އެ މައްސަލަ ހައްލު ކުރުމަށް ފަހު އެވެ.
މެޗުގެ އަނެއް ދެ ލަނޑު ފެނުނީ މެޗުގެ 90 މިނެޓް ހަމަވި ފަހުންނެވެ. ވެލެންސިއާގެ ލަނޑު 90 ވަނަ މިނެޓްގައި ޖެހީ އަބޫބަކްރު ސިލާ އެވެ. އައިވަރީކޯސްޓްގެ ފޯވާޑް ލަނޑު ޖެހީ ވެލެންސިއާގެ އަހްމަދު މިކިޔާލް، މުއީން ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.
ނަތީޖާ ފަރަގު ކުޑަކޮށްލައިގެން އޮންނާކަށް ޓީސީ އަކުން ފުރުސަތެއް ނުދިނެވެ. ޓީސިގެ ލަންކާގެ ޑިފެންޑަރު ޗަލަނާ ޗަމީރާ ނަގައިދިން ބޯޅަ، ޕްރިންސް ގޯލްގެ ތެރެއަށް ފޮނުވާލީ ވެލެންސިއާގެ ކުޅުންތެރިން އޭނާގެ ކައިރީގައި ވިއްދަފައި ތިއްބަ އެވެ.