21 އޮކްޓޯބަރ 2025 - 00:41

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ވާދަވެރި ފަރާތްތަކުން ތިބީ އެ މަނިކުފާނުގެ ވެރިކަމަށް ދެތިން ހަތަރު މަހެއްގެ ތެރޭގައި ގައުމު ބަނގުރޫޓުވެ ވެރިކަން ނުކުރެއްވޭނެ ހާލަތަށް ދާނެ ކަމަށް ހީކޮށް "އަތްޖަހަން ތައްޔާރުވެގެން" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ލ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމްގެ އުފަން ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ގައުމު ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކުރުން ކަމަށެވެ.

ފޮނަދޫގައި ގިނަ މަޝްރޫއުތަކެއް ފެށުމަށް މިރޭ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވާއިރު އަބްދުއްރަހީމް ވިދާޅުވީ މިއީ ފޮނަދޫގެ ތަރައްގީގައި އާ ސަފުހާއެއް ލިޔެވިގެން ދިޔަ ރެއެއް ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ފޮނަދޫގައި އެއްފަހަރާ މިހާ ގިނަ އަދި މިހާ ބޮޑެތި ތަރައްގީގެ މަޝްރޫތައް އެއްފަހަރާ މި ނޫނީ ފެށިފައި ނެތް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ފޮނަދުއަށް ވަޑައިގެން ވެ ވަޑައިގެންނެވި ހުރިހާ ވައުދެއްހެން ފުއްދެވުމަށް އެ ކަންކަމުގެ އަމަލީ މަސައްކަތް ފެށުމާ ހަމަޔަށް މިހާރު އާދެވުނީ ކަމަށެވެ. އެހެންވެ އެކަމަށްޓަކައި ރައީސަށް "އައްސަރިބަހާއި ސާބަސް" ދަންނަވަމުން އަބްދުއްރަހީމް ވިދާޅުވީ މަޝްރޫއުތައް ލަސްވުމަކުން ޝަކުވާއެއް ނެތް ކަމަށެވެ.
"މަޝްރޫއުތައް ލަސްވުމަކުން އަޅުގަނޑުމެންގެ ޝަކުވާއެއް ނެތް. ކަންބޮޑުވުމެއް ވެސް ނެތް. ހިތްހަމަނުޖެހުމެއް ވެސް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ. "ސަބަބަކީ، ރައީސް ވެރިކަމާ ހަވާލުވެ ވަޑައިގަތް އިރު މި ގައުމު އޮތް ހާލަތު އަޅުގަނޑުމެންނަށް އެނގޭތީ."
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތް އިރު ގައުމު އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށެވެ.
"ވާދަވެރިން ތިބީ ވަރަށް ފޯރިއާ އެކީގައި، ގައުމު ބަނގުރޫޓުވެގެން ހިނގައިދާނެ ކަމަށް އަތްޖަހަން ތައްޔާރަށް. ތިންހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ދިވެހިރާއްޖެ ބަނގުރޫޓުވެ، ވެރިކަން ނުކުރެވޭ ހިސާބަށް ގޮސްގެން އަޅުގަނޑުމެންގެ ވެރިކަން، އާދެ، ޕީއެންސީގެ ވެރިކަން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ނިމިގެން ހިނގައިދާނެ ކަމަށް އަތްޖަހަން، ފޫގަޅައިގެން ތިބީ އަޅުގަނޑުމެންގެ ވާދަވެރިން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ނަމަވެސް އަބްދުއްރަހީމް ވިދާޅުވީ ރައީސްގެ ވިސްނުންތެރިކަމާ އެކު، ކަމަކަށް ފަހު ކަމެއް ކުރައްވަމުން ވަޑައިގެން، ވެރިކަމަށް ދެ އަހަރުވާން ގާތްވެފައި ވާއިރު ތަރައްގީގެ މަޝްރޫއުތައް ވަނީ މެކުހަށް ޖަހާފައި ކަމަށެވެ.
"ހަމަ ގައިމުވެސް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މިއަށްވުރެ ގިނަ ތަރައްގީގެ މަޝްރޫއު ފެށި ސަރުކާރެއް މިހާތަނަށް ދިވެހިރާއްޖޭގެ ތާރީހު ދެކެފައެއް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ފޮނަދޫ ރައްޔިތުން ތިބީ ރައީސް މުއިއްޒުއާ އެކު ކުރިއަށްދާން ތައްޔާރަށް ކަމަށާއި ފޮނަދޫ ރައްޔިތުންނަކީ ވާނުވާ ބަލައިގެން ކުރިއަށްދާ ބައެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިއަދާ ހަމަޔަށް އައި އިރު ސަރުކާރުން ވަނީ ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައި. އޭގެ އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން ބޭނުންވަނީ ދިވެހިރާއްޖެ ބަނގުރޫޓުވިޔަ ނުދީ، ދައްކަންޖެހޭ ދަރަނިތައް ދައްކަމުން، ކުރަންޖެހޭ ކަންކަން ކުރަމުން، މިއަދާ ހަމަޔަށް އައި އައުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ފޮނަދޫ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ވާހަކަ ދެއްކެވި ނަމަވެސް ވާހަކަ ނިންމަވާލައްވަމުން އަބްދުއްރަހީމް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތު ވެސް ވާހަކަ ދެއްކެވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަނިކުފާނުގެ ސަރުކާރު ހިންގެވުމަށް ބޭނުންވާ އެއްވެސް ކަމެއްގައި ކުޑަވެސް ފަސްޖެހުމެއް ނޯންނާނެ،" ރައީސަށް ޔަގީންކަން ދެއްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.
"މަނިކުފާނު ފޮނުއްވާ ކޮންމެ ބިލަކީ ގައުމާއި ރައްޔިތުންނަށް އޭގެ ލާބަޔާއި މަންފާ އޮތް ބިލެއްކަން އަޅުގަނޑުމެންނަށް ޔަގީން. އެހެންވެ އެ ބިލެއް ފާސްކުރުމުގައި މަޑުޖެހުމެއް ނޯންނާނެ. ފާޑުކިޔާ ބަޔަކު ފާޑު ކިޔަންވީ. އެކަމާ ވާހަކަ ދައްކާ ބަޔަކު ވާހަކަ ދައްކަންވީ. އެކަމަކު ރައްޔިތުންގެ އަޣުލަބިއްޔަތު އޮތީ ރައީސް މުއިއްޒުއާ އެކީގައި. އެހެންވެ ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމާ ނިންމުމަށް މައިނޯރިޓީ ޖެހޭނީ ތަބާވާން. އެއީ ޑިމޮކްރަސީއަކީ."
މިރޭގެ ޖަލްސާގައި ފޮނަދޫގައި ގައުމީ ޔުނިވަސިޓީގެ ކެމްޕަހާއި ލޭންގުއޭޖް ސެންޓަރު ގާއިމުކުރުމާއި އޮފީސް ކޮމްޕްލެކްސްއެއް ގާއިމުކުރުމާއި ބަނދަރު ތަރައްގީކުރުމާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ތިން ވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ވެސް ސޮއިކުރި އެވެ. މީގެ އިތުރުން ފޮނަދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި ކައްދޫ އެއާޕޯޓް ތަރައްގީކޮށް އޮޕަރޭޓްކުރުމުގެ އެއްބަސްވުމާއި ފޮނަދޫ ސްޕޯޓްސް ކޮމްޕްލެސް އެޅުމުގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފައިވެ އެވެ.