އިއްޔެ އެކަނި ވެސް ޣައްޒާއަށް 158 ޓަނުގެ ބޮން އެޅި
އިއްޔެ އެކަނި ވެސް ޣައްޒާއަށް 158 ޓަނުގެ ބޮން އެޅި

ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެެއްބަސްވުމާ ހަމާސް އިން ހިލާފުވި ކަމަށް ބުނެ އިޒްރޭލުން އިއްޔެ ދިން ހަމަލާތަކުގައި 153 ޓަނުގެ ބޮން އެޅި ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.

"އަހަރެމެންގެ އެއް އަތުގައި އޮންނާނީ ހަތިޔާރު، އަނެއް އަތް ދިއްކުރަނީ ސުލްހައަށް،" ނަތަންޔާހޫ ބުންޏެވެ.

ޣައްޒާގައި ދެ އަހަރު ވަންދެން ދިން ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް ދެ ހަފްތާ ވެސް ނުވެ އިޒްރޭލުން ހަމަލާތައް ދިނީ ޣައްޒާގެ ދެކުނުގައި ހަމާސްއިން ސިފައިންނަށް ހަމަލާ ދިން ކަމަށް ބުނެ އެވެ.

" ބާރުގަދަ މީހުންނާ އެކު، ބަލިކަށި މީހުންނާ ޖެހޭނީ ސުލްހަވާން. މިއަދު އިޒްރޭލް ވަނީ ކުރިއަށްވުރެ ބޮޑަށް ބާރުގަދަވެފައި،" ނަތަންޔާހޫ ބުންޏެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި 20 ނުކުތާގެ ޕްލޭނަށް ހަމާސް އާއި އިޒްރޭލު އެއްބަސްވެ ހަމަލާތައް މެދުކަނޑާލައި ގައިދީން ބަދަލުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނުނިމި އުޅެނިކޮށް އިޒްރޭލުން ޣައްޒާގެ ދެކުނަށް އިއްޔެ ދިން ހަމަލާތަކުގައި 45 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ.

މި ހަމަލާތައް ދިނީ ހަމާސް އިން އިޒްރޭލު ސިފައިންނަށް ހަމަލާދިން ކަމަށް ތުހުމަތުކޮށްފައި ނަމަވެސް ޓްރަމްޕު ވަނީ ހަމަލާ ދިނީ ހަމާސްގެ ލީޑަޝިޕްގެ އިރުޝާދަށް ނޫން ކަމާއި އެއްބަސްވުން ދެމިއެބަ އޮތް ކަމަށް ވިދާޅުވެފަ އެވެ. އިޒްރޭލުން ވެސް ވަނީ އަލުން އެއްބަސްވުމަށް ރުޖޫއަވީ ކަމަށް ބުނެފަ އެވެ.