އީގަލްސްއާ ޖެހި އޮޑީގެ ދުވެލި މަޑުޖެހިއްޖެ
އީގަލްސްއާ ޖެހި އޮޑީގެ ދުވެލި މަޑުޖެހިއްޖެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއްވަނަ އަށް ދާން އޮޑި ސްޕޯޓްސް އަށް ލިބުނު ފުރުސަތު އީގަލްސްއިން ހުއްޓުވައިފި އެވެ.

މެޗު އެއްވަރުވީ ލަނޑެއް މުޖެހި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ކުޅުނު ދެ މެޗަށް ލީގު މެދުކަނޑާލުމުގެ ކުރިން އޮޑިން ކުރިއަށް ދިޔައީ ރަނގަޅު ޓްރެކެއްގަ އެވެ. ކުޅުނު ތިން މެޗުން ވެސް މޮޅު އޭރު ލީގު މެދުކަނޑާލި އިރު އެއްވަނައިގައި ދެމެހެއްޓި އެވެ.

ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން މާޒިޔާ މޮޅުވުމުން، މިހާރު އެއްވަނައިގައި އޮތީ އެ ޓީމެވެ.

އޮޑި މެޗުން މޮޅުވިނަމަ، މާޒިޔާއާ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށް އެ ޓީމުގެ ފަހަތުގައި ވިއްދުނީހެވެ.
ޕޮއިންޓަކުން ފުއްދާލައިގެ އޮޑީ އޮތީ ދެވަނައިގަ އެވެ. މާޒިޔާ އެއްވަނައިގައި އޮތީ ދެ ޕޮއިންޓްގެ ލީޑަކާ އެކު އެވެ.

ލީގުގެ ބްރޭކަށް ފަހު އީގަލްސްއިން ނުކުތީ އެ ޓީމުގެ ކޯޗަކަށް ކުރީގެ ކުޅުންތެރިޔާ އަބްދުﷲ ހަނީފް (ބެންޖޯ) ހަމަޖައްސައިގެންނެވެ. އޮޑީގެ މެޗަކީ ދިވެހި ލީގުގެ ކޯޗެއްގެ ގޮތުގައި އޭނާގެ ފުރަތަމަ މެޗެވެ. އީގަލްސް މިހާތަނަށް އެއްވެސް މެޗަކުން މޮޅެއް ނުވެ އެވެ.

އީގަލްސްގެ ހާލަތު ބަދަލު ކުރެވޭނެކަމުގެ ޔަގީންކަން ބެންޖޯ ވަނީ ދީފަ އެވެ.

މިއަދު އީގަލްސް އަށް މެޗުން ޕޮއިންޓެއް ހޯދައި ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އެ ޓީމުގެ ކީޕަރު މުހައްމަދު އަޝްވާން އެވެ. އުމުރުން 28 އަހަރުގެ ކީޕަރު ވަނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އޮޑިން އުފެއްދި ނުރައްކާތެރި ހަމަލާތައް އޭނާ ދިފާއު ކުރި އެވެ. ވަން ޓު ވަން ފުރުސަތުތަކުގައި ވެސް އަޝްވާން ވަނީ ބޯޅަތައް ދިފާއުކޮށްފަ އެވެ.

އީގަލްސްގެ ފޯވާޑުން ވެސް ވަނީ އޮޑީގެ ފަހަތަށް ބާރުބޮޑުކޮށްފަ އެވެ.