އެމްޕީއެލް އާއި އެމްއެންޑީއެފް ގުޅިގެން "ޕޯޓް ސެކިއުރިޓީ" ކޯހެއް ހިންގައިފި
އެމްޕީއެލް އާއި އެމްއެންޑީއެފް ގުޅިގެން "ޕޯޓް ސެކިއުރިޓީ" ކޯހެއް ހިންގައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓް ގާޑް ޓްރެއިނިން ސްކޫލް ގުޅިގެން ހިންގި "ސެޓްފިކެޓް-1 އިން ޕޯޓް ސެކިއުރިޓީ" ކޯސް ނިންމައި، އެ ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.

އެމްޕީއެލް އާއި އެމްއެންޑީއެފް ގުޅިގެން "ޕޯޓް ސެކިއުރިޓީ" ކޯހެއް ހިންގައިފި
އެމްޕީއެލް އާއި އެމްއެންޑީއެފް ގުޅިގެން "ޕޯޓް ސެކިއުރިޓީ" ކޯހެއް ހިންގައިފި

ކޯސްޓް ގާޑް ޓްރެއިނިން ސްކޫލުން ގިރިފުށީގައި އެއް މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ޓްރެއިނިންގައި 30 ފަރާތަކުން ބައިވެރިވި ކަމަށް އެމްޕީއެލްއިން ބުންޏެވެ. އޭގެތެރޭގައި، އެމްޕީއެލްގެ ސެކިއުރިޓީ ޑިޕާޓްމަންޓާއި ސަރަހައްދީ ދެ ޕޯޓް ކަމަށްވާ ކުޅުދުއްފުށި ޕޯޓާއި ހިތަދޫ ޕޯޓްގެ ސެކިއުރިޓީގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނެ އެވެ.

މި ކޯހުގެ ނިމުން ފާހަގަކުރުމުގެ ގޮތުން އިއްޔެ ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި، ކޯސް ފުރިހަމަ ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ، މުހައްމަދު ރިލްވާނެވެ.

މިއީ ރާއްޖޭގެ މައި ވިޔަފާރި ބަނދަރާއި، ސަރަހައްދީ ބަނދަރުތަކުގެ ސެކިއުރިޓީ ކަށަވަރުކުރުމަށް މަސައްކަތްކުރާ މުވައްޒަފުންގެ ގާބިލްކަމާއި ހުނަރު އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފްއާ ގުޅިގެން ހިންގާ ކޯހެކެވެ.

މި ތަމްރީނުގެ މައިގަނޑު މަގުސަދަކީ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ހަރުދަނާކޮށް، ސެކިއުރިޓީންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމެވެ.

މި ކޯހުގައި، ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތާއި، ސެކިއުރިޓީ ޑްރިލްތަކާއި، މަސައްކަތުގެ އަހުލާގު ހިމެނޭ އަމަލީ ތަމްރީނުތަކާއެކު، އައިއެސްޕީއެސް ކޯޑަށް އަމަލުކުރުމާއި، ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމާއި، މެރިޓައިމް ސޭފްޓީ އަދި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ސެޝަންތައް ވަނީ ކުރިއަށްގެންގޮސްފަ އެވެ.

މި ކޯހުގެ ފަހު ތަމްރީނުގެ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު މާލޭ ވިޔަފާރި ބަނދަރުގައި ޕޯޓް ސެކިއުރިޓީ ޑްރިލްއެއް ވަނީ ބާއްވައިފަ އެވެ.

ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގެެ ސަލާމަތީ ފިޔަވަޅުތައް މިހާރަަށްވުރެ ހަރުދަނާކޮށް، އެކަން ބެލެހެއްޓުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ގާބިލްކަން އިތުރުކުރުމަށް، ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެމްޕީއެލްއިން ބުންޏެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްވަނީ އެމްޕީއެލްއިން ވަނީ ރާވައިފަ އެވެ.