އައްޑޫ ރިފަރެންޑަމަށް ހަރަދުވާނީ 7-8 ލައްކަ ރުފިޔާ: އީސީ
އައްޑޫ ރިފަރެންޑަމަށް ހަރަދުވާނީ 7-8 ލައްކަ ރުފިޔާ: އީސީ

އައްޑޫ ސިޓީ ކައުންސިލް އެކުލެވޭ ގޮތް ބަދަލުކުރަން ފެނޭތޯ ބަލަން ނަގާ ވޯޓަށް ހަރަދުވަނީ 7-8 ލައްކައެއްހާ ރުފިޔާ ކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ދަށުން މިހާރު ހިންގަމުން އަންނަ ހުޅުދު އާއި މީދޫ އަދި ފޭދޫ ވަކިކޮށް، އެ ތިން ރަށުގައި ވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބެލުމަށް ތިން ރަށުގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް އަންނަ ހޮނިހިރު ދުވަހު ނެގުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އެ ގޮތަށް ފާސްވެއްޖެ ނަމަ ސިޓީ ކައުންސިލްގެ ދަށުން ދެން ހިންގާނީ ހިތަދޫ، ގަން، މަރަދޫފޭދޫ އަދި މަރަދޫ އެވެ.

އީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރިފަރެންޑަމް ވޯޓަށް 7-8 ލައްކަ ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަަށާއި ނަމަވެސް އެ ހަރަދުތައް އެއްކޮށް ސާފުވާނީ އިންތިހާބު ނިމުމުން ކަމަށެވެ.

ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައިވާ ގޮތުން ފޭދޫއިން 4،355 މީހަކަށް، ހުޅުދޫއިން 2،874 މީހަކަށް އަދި މީދޫއިން 2،347 މީހަކަށް ވޯޓުލެވެ އެވެ.

އެ ވޯޓުގައި ހުޅުދޫގައި ތިން ވޯޓު ފޮއްޓާއި މީދޫގައި ތިން ފޮށި އަދި ފޭދޫގައި ފަސް ވޯޓު ފޮށި ބަހައްޓާނެ އެވެ. އަދި އެ ރަށްރަށުގެ މީހުން ވޯޓުލުމަށް މާލޭގައި ވެސް ހަތް ފޮށި ބަހައްޓާނެ އެވެ.