ސެންޓާ އެންޓަޕްރައިސަސް އިން ވަގު ލިޔުން ހުށަހެޅި ކަމަށް ބެލެވޭ މައްސަލަ ޕޮލިހަށް
ސެންޓާ އެންޓަޕްރައިސަސް އިން ވަގު ލިޔުން ހުށަހެޅި ކަމަށް ބެލެވޭ މައްސަލަ ޕޮލިހަށް

ހެލްތު މިނިސްޓްރީއަށް މެޑިކަލް އިކްއިޕްމެންޓާއި ކޮންޒިއުމަބަލްސް ސަޕްލައިކުރިކަން ސާބިތުކޮށް އެއަށްވާ ފައިސާ ހޯދުމަށް ސެންޓަ އެންޓަޕްރައިސަސް އިން ދައުލަތާ ދެކޮޅަށް ކުރާ ދައުވާގައި ސައްހަ ނޫން ލިޔެކިޔުން ހުށަހެޅި ކަމަށް ބެލެވޭ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ހެލްތު މިނިސްޓްރީ އަށް 2008 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދު، މެޑިކަލް އިކްއިޕްމެންޓާއި ކޮންޒިއުމަބަލް ސަޕްލައިކޮށްދީގެން ލިބެން ޖެހޭ ކަމަށް ބުނާ 79 މިލިޔަން ރުފިޔާ ހޯދަން އެ ކުންފުނިން 2022 ވަނަ އަހަރު ސިވިލް ކޯޓުގައި ދައުވާކޮށްފައިވެ އެވެ.

އެކަމަކު ސެންޓަ އެންޓަޕްރައިސަސް އަށް ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ބަދަލުގެ ގޮތުގައި ދޭން ޖެހިފައިވާއިރު، އެކަމުގެ ހާއްސަ އޮޑިޓެއް ހަދައިދޭން ބަންޑާރަ ނައިބުގެ އޮފީހުން އެދުމުން ކުރަމުން އައި އޮޑިޓްގައި އެ ކުންފުނީގެ ލިޔެކިޔުންތަކާ މެދު އޮތީ ޝައްކު އުފެދިފަ އެވެ. އަދި ހެލްތު މިނިސްޓްރީން ފައިސާ ދޭންޖެހޭކަން ސާބިތުކުރުމަށް ހުށަހެޅި ލިޔުމަކީ އަމިއްލައަށް އުފައްދާފައިވާ އެއްޗެއް ކަމަށް ބެލެވޭ އެތައް ސަބަބަކާ އެކު އޮޑިޓަ ޖެނެރަލް އިއްޔެ ވަނީ އެ މައްސަލައިގެ ހާއްސަ އޮޑިޓް ރިޕޯޓެއް ނެރުއްވައިފަ އެވެ.

އެކަމާ ގުޅިގެން، ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ސެންޓަ އެންޓަޕްރައިސަސްއިން 2021 ވަނަ އަހަރު 2022 ވަނަ އަހަރުގައި ދައުލަތާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި ހަތަރު ދައުވާގައި ހިމަނާފައިވާ ބައެއް ލިޔެކިޔުންތަކާއި މުއާމަލާތްތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދޭތީ، މި މައްސަލަތައް ސެޕްޓެންބަރު 4، 2022 ގައި އަދި އޭގެ ފަހުން ވެސް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ.

އޮޑިޓް ރިޕޯޓްގައި، ކުރީގެ ހަތަރު ދައުވާގައި ސެންޓަ އެންޓަޕްރައިސަސް އިން އެދިފައިވާ އަދަދުތަކާ މެދު ވެސް ސުވާލު އުފެދޭ އެތައް ކަމެއް ވަނީ ފާހަގަކޮށްފަ އެވެ. އޭގެ އިތުރުން ހެލްތު މިނިސްޓްރީއާ ދެކޮޅަށް ކުރާ ދައުވާގައި ވެސް ހުށަހަޅާފައިވަނީ ސައްހަ ނޫން ލިޔުމެއް ކަމަށް ބުރަވެވޭ ކަމަށާއި އެހެންވެ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައި ޖިނާއީ ތަހުގީގެއް ހިންގުމަށް ލަފާ ދީފައިވެ އެވެ.

އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ނެރުއްވި ރިޕޯޓްގައިވާ ގޮތުން، ދައުލަތުން ފައިސާ ހޯދަން ސެންޓާ އެންޓަޕްރައިޒަސް އިން 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ހަ ދައުވާއެެއް ކޮށްފައި ވެ އެވެ. އެއީ ދިން ހިދުމަތަށް ފައިސާ ނުލިބޭ ކަމަށް ބުނެ ދައުލަތުގެ ތިން އިދާރާއަކާއި ކުންފުންޏަކާ ދެކޮޅަށް ކުރި ދައުވާތަކެވެ.

އެ ދައުވާތަކުގައި، އަގުގެ ގޮތުގައި ލިބެންޖެހޭ ކަމަށް ބުނާ 175 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި ޖޫރިމަނާ އެއްކޮށްލުމުން 410.4 މިލިޔަން ރުފިޔާ އަށް އަރަ އެވެ. އެކަމަކު މި ފައިސާ ލިބެންޖެހޭ މުއްދަތުގައި ކޮށްފައިވާ ކުންފުނީގެ އިންޓާނަލް އޮޑިޓްގައި، ކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި އޮތީ 11,746,510ރ. ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓްގައިވެ އެވެ.

ސެންޓަ އެންޓަޕްރައިސަސް 2006 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވަނީ ތިން ހިއްސާދާރުން ހިމެނޭ ގޮތަށެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ހިމެނެނީ އަބްދުﷲ އާރިފް އާއި އަހުމަދު ޖާމިޒް އަދި އަލީފާ އަހުމަދު ހިމެނޭއިރު، މެނޭޖިން ޑިރެކްޓަރަކީ އަލީފާ އެވެ. ފޭކް ލިޔުން ހުށަހެޅި ކަމަށް ދައުލަތުން ކުރިން ތުހުމަތުކުރުމުން އޭރު އެ ކުންފުނިން ވަނީ ހުރިހާ ތުހުމަތަކަށް އިންކާރުކޮށްފަ އެވެ.