ފްލެޓް މައްސަލާގައި އަކްރަމާއި ކޮމެޓީ މެންބަރުންނަށް ކުރާ ދައުވާއަށް އިންކާރުކޮށްފި
ފްލެޓް މައްސަލާގައި އަކްރަމާއި ކޮމެޓީ މެންބަރުންނަށް ކުރާ ދައުވާއަށް އިންކާރުކޮށްފި

ކުރީގެ ސަރުކާރުގައި ހުޅުވާލި ގެދޮރުވެރިޔާ ސްކީމުން ޝަރުތު ހަމަނުވާ ބަޔަކަށް އުސޫލުން ބޭރުން ޕޮއިންޓު ކަނޑައަޅައި، ފްލެޓް ދިން މައްސަލާގައި ހައުސިން މިނިސްްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ފްލެޓް ކޮމިޓީގެ މެމްބަރުންތަކަކަށް ކުރާ ދައުވާއަށް އެ ބޭފުޅުން މިއަދު އިންކާރު ކުރައްވައިފި އެވެ.

ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާކުރީ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ބައެއް މީހުންނަށް އުސޫލާ ހިލާފަށް ފޮއިންޓު ދީ ޝަރުތު ފުރިހަމަނުވާ ބަޔަކު ފްލެޓް ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމަނާފައިވާތީ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ. އެ ބޭފުޅުންނަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

އަކްރަމްގެ އިތުރުން ދެން ދައުވާކުރަނީ ފްލެޓް ކޮމިޓީގެ މެމްބަރު އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު މުހައްމަދު އާރިފާއި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރު އަހްމަދު ވިޝާން ނަސީމް އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރު ލިރުޣާމް ވަހީދުގެ މައްޗަށެވެ.

ހަތަރު ބޭފުޅުންނަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރު، ހުރިހާ ބޭފުޅުން ވެސް ވަނީ ދައުވާއަށް އިންކާރު ކުރައްވައިފަ އެވެ. އަކްރަމްގެ ގާނޫނީ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ޝަރުތު ހަމަނުވާ އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ދިނުމަށް އަކްރަމް ކުރެއްވި ކަމެއް ނޯންނާނެ ކަމަށާއި އުސޫލާ ހިލާފަށް އަކްރަމް ކުރެއްވި އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

އަދި މަގާމާއި ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން އަކްރަމް ކުރެއްވި އެއްވެސް ކަމެއް ވެސް ނޯންނާނެ ކަމަށް ވަކީލް ވިދާޅުވި އެވެ. އެހެންވެ، ދައުލަތުން އަކްރަމްގެ މައްޗަށް ކުރާ ދައުވާއަށް އިންކާރުކުރާ ކަމަށް ވިދާޅުވި އެވެ.

އަނެއް ތިން ބޭފުޅުން ވެސް ދައުވާއަށް އިންކާރު ކުރުމުން ދައުލަތުން ވަނީ އެ ބޭފުޅުންނާ ދެކޮޅަށް ހުރި ހެކިތައް ހާމަކޮށްފަ އެވެ. މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވަނީ ދިފާއީ ހެކި ހުށަހެޅުމާއި ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް މިއަދު މުއްދަތު ދެއްވައިފަ އެވެ. އެ މުއްދަތުތަކަށް ފަހު، މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ އެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅޭ ތަހުގީގެއް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ކުރަމުންދާއިރު އެ ތަހުގީގަށް އަކްރަމާއި އޭރުގެ ބައެއް އެހެން އިސް ވެރިންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.

ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓް ދޫކުރި މައްސަލާގައި ދައުވާކުރަން ފޮނުވިއިރު، 76 ޕޮއިންޓުގެ ގުރުއަތު ނުނަގައި 75 ޕޮއިންޓަށް 300 ފްލެޓް ދިން މައްސަލައެއް ވެސް ހައުސިން މިނިސްޓްރީން ވަނީ ތަހުގީގުކޮށްދޭން އޭސީސީއަށް ހުށަހަޅައިފަ އެވެ. ފްލެޓްތަކުގެ ސޮއި ކުރުމުގެ މަރުހަލާގެ ތެރެއިން ފެންމަތިވި އެ މައްސަލާގައި އެދިފައި ވަނީ، ފްލެޓް ދިނުމުގެ އުސޫލާ ޚިލާފަށް، ވަކި ބަޔަކަށް މަންފާވާ ގޮތަށް ފްލެޓް އެލޮކޭޓްކޮށްފައިވާ މައްސަލަ ތަހުގީގުކޮށްދިނުމަށެވެ.

މިނިސްޓްރީން ބުނީ 76 ޕޮއިންޓަށް ވުރެން މަތިން ލިބުނު 301 މީހެއްގެ ގުރުއަތު ނުނަގައި އެއަށް ވުރެ ދަށުން 75 ޕޮއިންޓް ލިބުނު 315 މީހަކަށް ފްލެޓް ހަމަޖައްސައިދީފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުން 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ކުރީގެ ސަރުކާރުގައި އާއްމުކުރުމާ އެކު ބޮޑެތި މައްސަލަތަކެއް ފެންމަތިވި އެވެ. އެތައް ބަޔަކު އޭސީސީއަށް ޝަކުވާ ހުށަހެޅި އެވެ. އެ މައްސަލަތައް ބެލުމަށް ފަހު އޭސީސީން ބުނީ ލިސްޓުގައި ހިމެނޭ 60 ޕަސެންޓް މީހުންނަށް ފްލެޓް ދިނުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ.