އަދާލަތުން ދެ އަހަރު ތިބީ ބަލަން، މިހާރު މި ނުކުތީ ސަރުކާރު ހަމަމަގަށް އަޅުވަން: އިމްރާން
އަދާލަތުން ދެ އަހަރު ތިބީ ބަލަން، މިހާރު މި ނުކުތީ ސަރުކާރު ހަމަމަގަށް އަޅުވަން: އިމްރާން

އަދާލަތު ޕާޓީން މިދިޔަ ދެ އަހަރު ތިބީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުމަށް އިހުތިރާމްކޮށް، ސަރުކާރަށް އެއްވެސް ދަތިކަމެއް ނާންނަ ގޮތަށް ސިޔާސީ މަސައްކަތް ބައްޓަންކޮށްގެން ކަމަށާއި ނަމަވެސް އެ ޕާޓީ މިހާރު އޮތީ ސަރުކާރު ހަމަމަގަށް އެޅުވުގައި ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނު ފަހުން ސިޔާސީ މަަސައްކަތާ ދުރުގައި ރާއްޖޭން ބޭރުގައި އުޅުއްވި އިމްރާން އަދާލަތު ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ޕާތީގެ ސިޔާސަތު ބައްޓަންކޮށްފައި އޮތީ ރައްޔިތުންނަށް ރަނގަޅުވާ ގޮތަށް ސަރުކާރު ހިންގާ ނަމަ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން އެއްވެސް ދަތިކަމެއް ނާންނަ ގޮތަށް ކަމަށެވެ. ސަރުކާރު ހިނގަމުންދާ ގޮތް ގާތުން ބަލައި އެކަމުގައި ޕާޓީއެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަކީ ވެސް އަދާލަތުގެ ސިޔާސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް މިއަދު ސަރުކާރަށް ދެ އަހަރެއްހާ ދުވަސް ވާން ގާތްވެފައި ވާއިރު، އަޅުގަނޑުމެނަށް ސަރުކާރު ހިނގަމުންދާ ގޮތަށް ބަލާއިރު ވަރަށް ސާފުކޮށް ފެންނަން މި އޮތީ މިއަދު ސަރުކާރުގައި، ސަރުކާރެއް ހިންގުގެ ސިޔާސަތުގެ ގާބިލިއްޔަތުކަން ނެތްކަން،" އިމްރާން ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތުތައް ދެކޮޅު ނުޖެހި ފެއިލްވަމުންދާ ކަަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ. އިގުތިސާދީ ރަނގަޅު ވިސްނުމެއް ނެތް ކަމަށާއި އެ ވިސްނުން ހުރި މީހަކު ދައްކާ ވާހަކަ އަޑު އަހަން ވެސް ސަރުކާރުން ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރަށް ފާޑުކިޔާ މީހުން ދައްކާ ގިނަ ވާހަކަތައް ތަކުރާރުކުރެއްވުމަށް ފަހު އިމްރާން ވިދާޅުވީ ރައްޔިތުން މިއަދު ތިބީ "ރުޅިގަދަވެފައި" ކަމަށެވެ.

"[ސަރުކާރުގެ މަސައްކަތްތައް ކޮށްގެން ފައިސާ ނުދޭތީ] ޖީއެސްޓީ ނުދައްކައިގެން ނުވަތަ ކޯޓާތަކަށް ގެނެސްފައި ތިބޭ ބިދޭސީންގެ މައްސަލައިގައި ކުންފުނިތަކުގެ ވެރިން ޖަލަށްލާ ހިސާ ދިޔައިމާ ރާއްޖޭގެ ވިޔަވާރިވެރިންނެއް ދެން މަޑަކުން ނުތިބޭނެ. މިކަންކަން ހަމަ މަގަށް އަޅުވަން ރައްޔިތުން ނުކުންނާނެ،" އިމްރާން ވިދާޅުވި އެވެ،

އެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށާއި އެ މަސަައްކަތުގައި ރައްޔިތުންނާ އެކު ތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރައްޔިތުން ބިކަވެ ހާލުގައި ޖެހުނީމާ ވެރިކަން ކުރަން ބަޔަކު ތިބުމުގެ ބޭނުމެއް ނޯންނާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިކަންކަން ހަމަ މަގަށް އަޅުވަން ރައްުޔިތުން ނުކުންނާނެ. އެކަމަށް މިއަދު ވަނީ މަސައްކަތް ފެށިފައި، ރައްޔިތުން އެ މަސައްކަތުގައި ބާރަށް ކުރިއަށް ގެންދަވާ، އިރާދަކުރެއްވިއްޔާ އެ މަސައްކަތުގައި ތިޔަ ބޭފުޅުންނާ އެކީ އަޅުހގަނޑުމެން އެބަ ތިބިން،" އިމްރާން ވިދާޅުވި އެވެ.

އިމްރާން މިމޭރުމުން ވާހަކަދެއްކެވި އިރު އިދިކޮޅު އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރާނެ ކަން އަދާލަތުން ކުރިން އޮތީ އިއުލާނު ވެސް ކޮށްފަ އެވެ.