ވަގު ސިނގިރޭޓު މައްސަލަ: މުއާޒުގެ ބަންދަށް އިތުރު 10 ދުވަސް
ވަގު ސިނގިރޭޓު މައްސަލަ: މުއާޒުގެ ބަންދަށް އިތުރު 10 ދުވަސް

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރި، މުއާޒް އަލީގެ ބަންދަށް އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓް ގެއްލުނު މައްސަލާގައި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓު މުއާޒާ އެކު، ހަތަރު މީހަކު ވަނީ މިދިޔަ އަންގާރަ ދުވަހު ހައްޔަރު ކޮށްފަ އެވެ.

އެއީ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްގެ މިހާރުގެ ވެސް އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް އަދި މުއާޒެވެ.

މިފްކޯގެ އިސްމަގާމެއް މި ވަގުތު ހުންނެވި މުއާޒު ފިޔަވައި އެންމެންގެ ބަންދަށް ދީފައިވަނީ 15 ދުވަހެވެ.

މުއާޒުގެ ބަންދަށް މިދިޔަ ބުދަ ދުވަހު ޖަހާފައިވަނީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން ވަނީ އިތުރު 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގެ ތަހުގީގަށް މުއާޒް ހައްޔަރު ކުރުމާ ގުޅިގެން، މިފްކޯގައި އޭނާ ވަޒީފާ އަދާކުރަމުން އައި އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުން ވެސް ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ސަސްޕެންޑުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން މުއާޒާއި ދިގައްޔާއި އާއްޓޭ އަދި ޒިވާރުގެ މައްޗަށް ކުރަނީ އެމްޕީއެލްގެ ބެލުމުގެ ދަށުން ހުޅުމާލޭ ޕޯޓުގައި ހުރި ސިނގިރޭޓުތައް "ވަގަށް" ގެންދިއުމަށް ފަންޑުކުރި ކަމުގެ ތުހުމަތެވެ.

ސިނގިރޭޓުތައް ގެއްލުނު މައްސަލައިގެ ތަހުގީގާ ގުޅިގެން އެމްޕީއެލްގެ އިތުރު މުވައްޒަފުންތަކެއް ހައްޔަރު ނުކުރިއަސް މިހާތަނަށް ހަ މީހަކު ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި ފުލުހުން ކުރިން ބުނީ، އެ ތަހުގީގުގެ ބޭނުމަށް 12 މީހަކު ވަނީ ރާއްޖެ އިން ފުރުން މަނާކޮށްފައި ކަމަށެވެ.

ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓުތައް ނައްތާނުލައި އެމްޕީއެލްގެ ބަނދަރުގައި ހަ މަސް ދުވަހަށް ވުރެ ގިނައިން ބަހައްޓާފައި ހުރީ ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި ތަހުގީގު ނުނިމޭތީ އެވެ. އެ ތަކެތި ބަނދަރުގައި ހުއްޓާ ގެއްލުނުކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ.

ރާއްޖެ އަށް ވަގަށް އެތެރެކުރި ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.