ތަޅުމުގައި ތިބި މެންބަރުން މަދުކަމުން، މީޑިއާ ކޮމިޝަންގެ މެންބަރުންނަށް ރުހުންދޭ ވޯޓު ނުނެގުނު
ތަޅުމުގައި ތިބި މެންބަރުން މަދުކަމުން، މީޑިއާ ކޮމިޝަންގެ މެންބަރުންނަށް ރުހުންދޭ ވޯޓު ނުނެގުނު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން ހުރި ކަންކަމަށް ވޯޓަށް އަހާ ވަގުތު ޖެހުނު އިރު ތަޅުމުގައި މެމްބަރުން ތިބި އަދަދު މަދުކަމުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ކަމަށް ރައްޔިތުންގެ މަޖިލިހުން އައްޔަންކުރާ ބޭފުޅުންނަށް މަޖިލިހުން ރުހުން ދިނުމަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހޭ ގޮތެއް ނުވި އެވެ.

އެހެންވެ، މިއަދުގެ ޖަލްސާގައި އެ ވޯޓު ނެގެން ނެތްކަން އިއުލާން ކުރައްވަމުން މަޖިލީހުގެ ރިޔާސަތުން، ނައިބުރައިސް އަހުމަދު ނާޒިމް ވިދާޅުވީ ގާނޫނުގައިވާ ގޮތުން އެ ވޯޓު ނެގޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ހަމަވާ ވަރަށް މެންބަރުން ތިއްބަވައިގެން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މީޑިއާ ކޮމިޝަންގެ މެމްބަރުން ކަނޑައެޅުމުގެ ވޯޓު ނެގުމަށްޓަކައި 47 މެންބަރުން މަޖިލިހުގެ ތަޅުމުގައި ހާޒިރުވަޑައިގެން ތިއްބަންޖެހެ އެވެ.

އެ ވޯޓު ނެގޭ ގޮތް ނުވުމުން ނާޒިމް ނިންމެވީ ވޯޓަށް އަހަން ހުރި އެހެން ކަންތައްތަކަށް ވެސް މިއަދު ވޯޓު ނުނެގުމަށެވެ.

"އަޅުގަނޑު އެދެން [ޕީއެންސީގެ] ޕީޖީ ލީޑަރު މަސައްކަތް ކޮށްދެއްވުމަށް ހާޒިރީ މި ކަމަށް ފަހިވާނެ ގޮތަކަށް ކުރިއަށް އޮތް ޖަލްސާތަކުގައި ކަންތައްތައް އިންތިޒާމު ކޮށްދެއްވަން،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ 17 މެންބަރަކު ރަސްމީ ދަތުރުތަކުގައި އުޅުއްވާ އިރު ސަލާމުގައި ހުންނެވީ އެންމެ މެންބަރެކެވެ. މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 93 އެވެ. ނާޒިމް ދެއްވި ތަފާސްހިސާބުތަކުން އެނގުނު ގޮތުގައި މިއަދުގެ ޖަލްސާގެ ވޯޓު ގަޑީގައި ތަޅުމުގައި 28 މެންބަރަކު ވަޑައިގެން ނެތީ ވަކި ސަބަބެއް އެންގެވުމަކާ ނުލަ އެވެ.

މޯލްޑިވްސް މީޑިއާ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއުކޮށް މާކްސްދީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ތިން ނަމެއް ފާސްކޮށްފަ އެވެ.

ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއުކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ރިޕޯޓް ފާސްކޮށްފަ އެވެ. އެ ރިޕޯޓްގައިވާ ގޮތުން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިފައިވަނީ ތިން ބޭފުޅުންނެވެ.

އެ ތިން ބޭފުޅުންނަކީ:

- މުހައްމަދު ފަރުޝަތު، ހ. ޓޫހާޓްސް (މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ސީއެސްސީގެ ކުރީގެ މެމްބަރު) - 90.50 ޕަސެންޓް

- ސޮފާ ޝަފީގު، ދ. މީދޫ، ބިއްލޫރިވިލާ (ބްރޯޑްކޮމްގެ ކުރީގެ ރައީސް) - 88.88 ޕަސެންޓް

- އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި (ބްރޯޑްކޮމްގެ ކުރީގެ މެމްބަރު) - 87.88 ޕަސެންޓް

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވޭނީ ހަތް މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރެއިން ތިން މެމްބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާއިރު، ބާކީ ހަތަރު މެމްބަރުން ހޮވަނީ މީޑިއާތަކުގެ މެދުގައި ވޯޓުންނެވެ.

މީޑިއާތަކުގެ ފަރާތުން ހަތަރު މެމްބަރަކު ވަނީ ހޮވިފަ އެވެ. އެ މެމްބަރުން ހޮވުނީ، ކުރިމަތިލެއްވި ބޭފުޅުންގެ އަދަދު މަދުވުމުން އިންތިހާބަކާ ނުލަ އެވެ