ވީޑިއޯ ޓެކްނޮލިޖީ ބޭނުންކުރި މެޗުން ސްޕެއިނަށް މޮޅެއް
ވީޑިއޯ ޓެކްނޮލިޖީ ބޭނުންކުރި މެޗުން ސްޕެއިނަށް މޮޅެއް

ޕެރިސް (މާޗް 29) - ވީޑިއޯ ޓެކްނޮލޮޖީ ބޭނުންކުރި މެޗުން ރޭ ފްރާންސްގެ މައްޗަށް ރަށުން ބޭރުގައި ސްޕެއިން 2-0 އިން ކުރިހޯދައިފަ އެވެ.

ރޭގެ މެޗުގައި ގޯސް ދެ ނިންމުމެއް ވީޑިއޯ ޓެކްނޮލިޖީގެ އެހީގައި ވަނީ ރަނގަޅުކޮށްފަ އެވެ. ފްރާންސްގެ އެންޓޮއިން ގްރީޒްމަންގެ ލަނޑު އޮފްސައިޑް ކަމަށް ނިންމީ ވީޑިއޯ ޓެކްނޮލިޖީގެ އެހީތެރިކަމާ އެކު އެވެ. އަދި ޖެރާޑް ޑެލޮފޭއު ކާމިޔާބުކުރި ސްޕެއިނުގެ ދެ ވަނަ ލަނޑު އޮފްސައިޑް ކަމަށް ނިންމާފައިވަނިކޮށް އެ ނިންމުން ބަދަލުކުރީ ވީޑިއޯ އަށް ބަލައިގެންނެވެ.

ސްޕެއިންގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ޑޭވިޑް ސިލްވާ އެވެ. މި ޕެނަލްޓީ އަކީ ޑެލޮފޭއު އަށް ފްރާންސްގެ ލޯރެންޓް ކޮޝިއެލްނީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޮތް ކްލަބް ވޯލްޑް ކަޕްގައި ވަނީ ފުރަތަމަ ފަހަރަށް ފީފާއިން ވީޑިއޯ ޓެކްނޮލޮޖީގެ އެހީތެރިކަން ހޯދައިފަ އެވެ. އެހެން ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ފްރާންސާއި އިޓަލީ ކުޅުނު ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ވީޑިއޯ ޓެކްނޮލޮޖީ ބޭނުން ކޮށްފަ އެވެ. އެ މެޗުން ފްރާންސް މޮޅުވީ 3-1 އިންނެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަސައްކަތް ކުރަމުން އަންނަނީ އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕްގައި ވީޑިއޯ ޓެކްނޮލޮޖީ ބޭނުންކުރުމަށެވެ.

ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ޕޯޗުގަލް ވަނީ 3-2 އިން ސްވިޑެން އަތުން ބަލިވެފަ އެވެ. އަދި އިޓަލީ 2-1 އިން ނެދަލެންޑްސް ބަލިކުރިއިރު، ރަޝިއާ އާއި ބެލްޖިއަމް ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.