15 ޖޫން 2016 - 11:52

ޕެރިސް (ޖޫން 15) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އަލްބޭނިއާއާ ދެކޮޅަށް ކުޅޭއިރު ރުމޭނިއާ މެޗުން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ބުނެފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ރުމޭނިއާ އަތުން ފްރާންސް މޮޅުވީ 2-1 އިންނެވެ. އޮލިވިއޭ ޖިރޯ ލަނޑެއް ޖަހާފައިވަނިކޮށް ބޮގްޑާން ސްޓަންޗޫ ރުމޭނިއާ އަށް އެއްވަރުކޮށްދިނެވެ. ފްރާންސް މޮޅުވީ މެޗުގެ ފަހު މިނިޓްގައި ޑިމިޓްރީ ޕަޔެޓް ޖެހި ލަނޑުންނެވެ.
ޑިޝޯމްޕް ބުނީ ފުރަތަމަ މެޗުން އަލްބޭނިއާ ބަލިވުމުން އެ ޓީމު މި މެޗަށް ހާއްސަ ސަމާލުކަމެއް ދީގެން ކުޅޭނެ ކަމަށެވެ.
"ފުރަތަމަ މެޗުން އަލްބޭނިއާ އޮތީ ބަލިވެފައި. އެ ޓީމަށް ކުރިއަށް ދެވެން އޮތީ މި މެޗުން ރަނގަޅު ނަތީޖާއެއް ނެރެގެން. އަލްބޭނިއާ އަކީ އިޓަލީގެ ކޯޗެއްގެ އިރުޝާދުގެ ދަށުން ކުޅޭ އޯގަނައިޒް ޓީމެއް. އެއް ކުޅުންތެރިއަކު މަދުކޮށް ވެސް އަލްބޭނިއާ އިން ސްވިޒަލެންޑާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކި. ރުމޭނިއާ މެޗެކޭ އެއްގޮތަށް މި މެޗު ވެސް އުނދަގޫވާނެ،" ޑިޝޯމްޕް ބުންޏެވެ.
މިރޭގެ މެޗުގައި އަލްބޭނިއާގެ ކެޕްޓަން ލޮރިކް ސާނާ އަށް ނުކުޅެވޭނެ އެވެ. އެއީ ސްވިޒަލެންޑު މެޗުގައި ދެއްކި ރަތް ކާޑު ދެއްކުމުން ސާނާ ވަނީ އެއް މެޗަށް ސަސްޕެންޑްވެފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިރޭގެ މެޗުގައި ފްރާންސް ޓީމުގެ ފުރަތަމަ އެގާރައިން ބަދަލުތަކެއް ފެންނާނެ އެވެ. ފުރަތަމަ އެގާރައިން ފުރުސަތު ނުދޭ ކުޅުންތެރިން ތެރޭގައި ޔުވެންޓަސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ އާއި އެތުލެޓިކޯ މެޑްރިޑްގެ އެންޓޮއިން ގްރީޒްމަން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
"ފުރަތަމަ އެގާރައިން ބަދަލުތަކެއް ފެންނާނެ. ރުމޭނިއާ މެޗުން ވެސް ބަދަލުތަކެއް ގެނެސްގެން މޮޅެއް ހޯދުނީ. މި މެޗުން މޮޅުވެގެން އެބައޮތް ފަސޭހައިން ދެ ވަަނަ ބުރުގެ ޖާގަ ހޯދޭން. ކުޅުންތެރިންގެ ވިސްނުމަކީ ވެސް އެއީ،" ޑިޝޯމްޕް ބުންޏެވެ.
ޑިޝޯމްޕް ބުނީ މުބާރާތުގެ ތަށި ފްރާންސަށް ލިބިދާނެތޯ، އެ ސުވާލަށް ޖާވާބު ދޭން އަދި އަވަސް ކަމަށެވެ.
ފްރާންސާއި އަލްބޭނިއާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.