20 އޮކްޓޯބަރ 2025 - 12:16

ރަފައެލް ލިއާއޯގެ ދެ ލަނޑާ އެކު ފަހަތުން އަރައި 2-1 އިން ފިއޮރެންޓީނާ ބަލިކޮށް އޭސީ މިލާނުން އިޓާލިއަން ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.
ތާވަލުގެ ކުރީގައި އުޅޭ ޓީމުތަކަށް މި ހަފުތާގައި އެދެވޭ ނަތީޖާއެއް ނުނެރެވުމުގެ ފައިދާ ނަގައި މިލާން އެއް ވަނައިގައި އޮތީ އެއް ޕޮއިންޓުގެ ލީޑަކާ އެކު، 16 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 15 ޕޮއިންޓާ އެކު އޮތީ ރޯމާ އަތުން 1-0 އިން މޮޅުވި އިންޓަ މިލާނެވެ. ޓޮރިނޯ އަތުން 1-0 އިން ބަލިވި ނަޕޯލީ އާއި ރޯމާ އަށް ވެސް ލިބިފައިވަނީ 15 ޕޮއިންޓެވެ. ލަނޑުގެ ތަފާތުން ނަޕޯލީ ތިން ވަނައިގައި އޮތްއިރު ރޯމާ އޮތީ ހަތަރު ވަނައިގަ އެވެ.
އަނިޔާގެ ސަބަބުން ކްރިސްޓިއަން ޕުލިސިކް އާއި، އެޑްރިއަން ރަބިއޯ އާއި އިތުރު އެހެން ބައެއް ކުޅުންތެރިން ވެސް ނެތި ރޭ މިލާން ކުޅުނު މެޗުގައި ލީޑު ނެގީ ފިއޮރެންޓީނާ އިންނެވެ. މިލާނުގެ ސެން ސީރޯ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ފިއޮރެންޓީނާގެ ގޯލު ޖަހައިދިނީ 55 ވަނަ މިނެޓުގައި ރޮބިން ގޮސެންސް އެވެ. މިލާނަށް 63 ވަނަ މިނެޓުގައި އެއްވަރުކޮށްދިން ގޯލް ލިއާއޯ ވައްދާލީ ދުރުން ޖަހަ އެވެ. އަދި 86 ވަނަ މިނެޓުގައި މޮޅުވި ލަނޑު އޭނާ ޖެހީ ޕެނަލްޓީއަކުންނެވެ.
ލީގުގައި އިއްޔެ ޔުވެންޓަސް ވަނީ ކޯމޯ އަތުން 2-0 އިން ބަލިވެފަ އެވެ. މި ނަތީޖާއާ އެކު އެ ޓީމު އޮތީ 12 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. ސްޕެއިނުގެ ކުރީގެ ކުޅުންތެރިޔާ ސެސް ފެބްރިގާސް ކޯޗުކޮށްދޭ ކޯމޯ އޮތީ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ހަ ވަނައިގަ އެވެ. ކޯމޯގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމަށް ގޯލް ޖަހައިދިނީ މާކް-އޮލިވާ ކެމްޕް އާއި، އާޖެންޓީނާގެ ޒުވާން ތަރި ނިކޯ ޕާޒް އެވެ.