20 އޮކްޓޯބަރ 2025 - 12:31

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއުކޮށް މާކްސްދީ، ތިން ނަމެއް ކޮމިޓީން ފާސްކޮށްފި އެވެ.
ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއުކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ރިޕޯޓް ފާސްކޮށްފަ އެވެ. އެ ރިޕޯޓްގައިވާ ގޮތުން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިފައިވަނީ ތިން ބޭފުޅުންނެވެ.
އެ ތިން ބޭފުޅުންނަކީ:
- މުހައްމަދު ފަރުޝަތު، ހ. ޓޫހާޓްސް (މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ސީއެސްސީގެ ކުރީގެ މެމްބަރު) - 90.50 ޕަސެންޓް
- ސޮފާ ޝަފީގު، ދ. މީދޫ، ބިއްލޫރިވިލާ (ބްރޯޑްކޮމްގެ ކުރީގެ ރައީސް) - 88.88 ޕަސެންޓް
- އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި (ބްރޯޑްކޮމްގެ ކުރީގެ މެމްބަރު) - 87.88 ޕަސެންޓް
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވޭނީ ހަތް މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރެއިން ތިން މެމްބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާއިރު، ބާކީ ހަތަރު މެމްބަރުން ހޮވަނީ މީޑިއާތަކުގެ މެދުގައި ވޯޓުންނެވެ.
މީޑިއާތަކުގެ ފަރާތުން ހަތަރު މެމްބަރަކު ވަނީ ހޮވިފަ އެވެ. އެ މެމްބަރުން ހޮވުނީ، ކުރިމަތިލެއްވި ބޭފުޅުންގެ އަދަދު މަދުވުމުން އިންތިހާބަކާ ނުލަ އެވެ.
މީޑިއާ ކޮމިޝަންގައި މީޑިއާތައް ތަމްސީލް ކުރާ ހަތަރު މެމްބަރުން:
ބްރޯޑްކާސްޓިން ކެޓަގަރީ
- އަބްދުލްއަޒީޒް އިބްރާހީމް- ށ. ފޭދޫ، މޫނިމާގެ
- ޒަމްއަތު އަހުމަދު ވަހީދު- ގދ. ތިނަދޫ، މަލަ
އޮންލައިން ކެޓަގަރީ
- ސިމާހާ ނަސީމް- ގދ. ރަތަފަންދޫ، ވެލީގޭ
- ހުސައިން ސަގީފް- ހދ. ވައިކަރަދޫ، ހިސާން
މީޑިއާ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލީ އަދި އެ ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރީ ވެސް އެކަމާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ. ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ ނޫސްވެރިން ވަރަށް ބޮޑަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން ރެގިއުލޭޓް ކުރެވޭ ގޮތަށް އޮތުމެވެ. އެއާ އެކު، ކޮމިޝަނަށް ރައްޔިތުންގެ މަޖިލިހުން ތިން ބޭފުޅަކު އައްޔަން ކުރާ ގޮތަށް އޮތުމާއި ކޮމިޝަންގެ ހުރިހާ މެމްބަރުން ރައްޔިތުންގެ މަޖިލިހަށް ވަކިކުރެވޭ ގޮތަށް އޮތުމަކީ ބޮޑު މައްސަލައެއް ކަމަށް ނޫސްވެރިން ދެކެ އެވެ.