20 އޮކްޓޯބަރ 2025 - 12:40

ދުނިޔޭގެ އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ މަސް ފާހަގަކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާގައި އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ކުރެއްދޫގައި ބޭއްވި މި ސެޝަނަކީ އެ ރިސޯޓުގައި މަސައްކަތް ކުރާ އަންހެން ސްޓާފުންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ސެޝަނެކެވެ. އެ ސެޝަނުގައި އުރަމަތީ ކެންސަރުގެ ފުރަތަމަ އަލާމަތްތަކާއި އަމިއްލައަށް އުރަމަތީ ކެންސަރުގެ އަލާމަތްތައް ދެނެގަންނާނެ ގޮތާއި އުރަމަތީ ކެންސަރާ ގުޅޭ މުހިންމު އިތުރު މައުލޫމާތުތައް ހިއްސާކުރި އެވެ.
ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ 30 މުވައްޒަފުން ބައިވެރިވި މި ސެޝަންތައް ނަގައި ދިނީ ޑރ. އައިޝަތު ރިފްގާ ޝާހިދު އާއި ޑރ. އައިޝަތު މާރިޔާ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހަރަކާތަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެ ހޮސްޕިޓަލުން ހިންގި ހަރަކާތެއް ކަމަށެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން މިފަދަ އެކި ބަލިތަކަށް ހޭލުންތެރިކުރުމުގެ މިފަދަ އެކި ހަރަކާތްތައް ހިންގަ އެވެ.