20 އޮކްޓޯބަރ 2025 - 13:13

މީޑީއާ ރެގިއުލޭޓްކުރާ ބިލް ފާސްކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ހިނގި ހަމަނުޖެހުންތަކާ އެކު މައިކަށް ދިން ގެއްލުމުގެ އަގު ނަގަން އިމްތިޔާޒާއި ސުލޫކް ކޮމިޓީން މިއަދު ނިންމައިފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިދިޔަ މަހުގެ 15 ގައި ބޭއްވި ޖަލްސާގައި، މެމްބަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި މައިކްރޮފޯނަކަށާއި ދެ މައިކްރޮފޯނުގެ ބޭސްއަށް ވަނީ ގެއްލުންވެފަ އެވެ.
އެހެންވެ، ކޮމެޓީން މިއަދު ނިންމާފައިވަނީ ގެއްލުނު މައިކަށް ހިނގާނެ ހަރަދު ހޯދުމަށް އިދާރީ ކަންކަމަށް ހުށަހެޅުމަށެވެ. އަދި އެ ތަފްސީލު ލިބުމުން ދެން ބާއްވާ ބައްދަލުވުމުގައި މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ހުށަހަޅުއްވައި، ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގު ތާއީދުކުރެއްވި އެވެ.
ކޮމެޓީގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ވަނީ ފާސްވެފަ އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުން ހޫނުވީ، މިޑިއާ ރެގިއުލޭޓްކުރާ ބިލާ ގުޅޭ މަޝްވަރާތައް ކުރިއަށްދަނިކޮށް، ކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މައިކް އޮންކުރުމަށްފަހު ވާހަކަދައްކަވަން ފެއްޓެވުމުންނެވެ. އެއާއެކު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން ވަނީ އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ އެކަން ހުއްޓުވައިފަ އެވެ. އަދި އެ ވަގުތު ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު، މައިކުގެ ވާގަނޑުގައި ހިފަހައްޓައި އިމްރާނަށް ދަމައިނުގަނެވޭ ގޮތަށް ހިފަހައްޓަ އެވެ.
އެނގިފައިވާ ގޮތުގައި، މައިކަށް ލިބުނު ގެއްލުން، މައުރޫފާއި އިމްރާން އަދި ސަމީރު އަތުން ހޯދުމަށް ވާހަކަދެކެވުނެވެ. ނަމަވެސް، އެކަމުގައި ގޮތް ނިންމާނީ ގެއްލުނު މައިކުގެ އަގު އެނގުމުން ކަމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.