20 އޮކްޓޯބަރ 2025 - 11:39

މާލޭގެ ހުކުރު މިސްކިތުގައި ހުރި ދެއްވަދޫ ރަސްގެފާނުގެ މަގުބަރާ ގއ. ދެއްވަދޫއަށް ބަދަލުކުރަން އެ ރަށުގެ ރައްޔިތުން އެދޭ ކަމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބުނެފި އެވެ.
ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަސީރު މިއަދު މަޖިލީހަށް ހާޒިރުވުމުން ދެއްވަދޫ ހިމެނޭ ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުالله ޝިހާބު ވަނީ ދެއްވަދޫ މަގުބަރާއާ ގުޅޭ ގޮތުން ސުވާލުކުރައްވައިފަ އެވެ.
ދެއްވަދުއަށް އުފަން އަސަދުالله ވިދާޅުވީ ދެއްވަދޫ އަކީ ރަސްކަލެއް ނިސްބަތްވާ ރަށެއް ކަމަށާއި އެ ރަސްކަލުގެ ޒިޔާރަތް ދެއްވަދޫގައި ހުންނަން ރައްޔިތުން އެދޭ ކަމަށެވެ. ހުކުރު މިސްކިތުގެ ގޯތި ތެރޭގައި ހުރި ދެއްވަދޫ ރަސްގެފާނުގެ މަގުބަރާ ދެއްވަދޫއަށް ބަދަލު ކުރެވޭނެ އުސޫލެއް އޮންނާނެތޯ ނުވަތަ އެފަދަ އުސޫލެއް ހެދޭނެތޯ މެންބަރު އެއްސެވި އެވެ.
"އަޅުގަނޑު ވިސްނާލަން ޖެހޭނީ ތިކަމާ އިނގޭތޯ،" އެ ސުވާލަށް މިނިސްޓަރު ޖަވާބު ދެއްވަމުން ވިދާޅުވި އެވެ.
ނިކަމެތިންނަށް އަޅާލެއްވި ރަސްކަލެއްގެ ގޮތުގައި ފާހަގަކުރެވުނު ދެއްވަދޫ ރަސްގެފާނު އަވަހާރަވެފައިވަނީ 1112 ވަނަ އަހަރު ޝައުބާން މަހު ހަވަނަ ދުވަހު އެވެ. އެމަނިކުފާނުގެ ފަސްދާނު ލައްވާފައިވަނީ ހުކުރު މިސްކިތުގެ ގޯތި ތެރޭގަ އެވެ.
އެމަނިކުފާނަކީ ޝާހީ އާއިލާއަކުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއް ނޫނެވެ. ނަމަވެސް، ވެރިކަމުގައި ހުންނެވި ސައްޔިދު ރަސްގެފާނު އަވަހާރަވިއިރު އެމަނިކުފާނުގެ ދަރިކަލެއް ނެތުމުގެ ސަބަބުން ދެން ވެރިކަމާ ހަވާލުވާނެ ބޭފުޅަކާ މެދު އޮތް ވާދަވެރިކަމުގެ ތެރެއިންނެވެ.
ދެއްވަދޫ ރަސްގެފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ފަނޑިޔާރެއްގެ މަގާމުގަ އެވެ. އެމަނިކުފާނު ވެރިކަން ކުރެއްވީ މީލާދީން 1702 ވަނަ އަހަރާއި 1711 ވަނަ އަހަރާ ދެމެދު އެވެ. އަވަހާރަވިއިރު ދަރިކަލެއް ނެތުމުގެ ސަބަބުން އެ ދަރިފަސްކޮޅުގެ ވެރިކަން އިތުރަށް ކުރިއަށް ގޮސްފައެއް ނުވެ އެވެ.