20 އޮކްޓޯބަރ 2025 - 15:03

ހިދުމަތުގެ އަގު ހޯދަން ކަމަށް ބުނެ ސެންޓަ އެންޓަޕްރައިސަސް އިން ދައުލަތާ ދެކޮޅަށް ކުރާ ދައުވާތަކުގައި 400 މިލިއަނަށް ވުރެ ބޮޑު އަދަދެއް ހޯދަން މަސައްކަތް ކުރާއިރު ހެލްތު މިނިސްޓްރީއަށް މެޑިކަލް އިކްއިޕްމެންޓާއި ކޮންޒިއުމަބަލްސް ސަޕްލައި ކުރި ކަން ސާބިތުކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި ލިޔުންތަކުގެ ސައްހަކަން ބެލުމަށް ހެދި އޮޑިޓުން ބޮޑެތި ސުވާލުތަކެއް އުފެދިއްޖެ އެވެ.
ހެލްތު މިނިސްޓްރީ އަށް 2008 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދު، މެޑިކަލް އިކްއިޕްމެންޓާއި ކޮންޒިއުމަބަލް ސަޕްލައި ކޮށްދީގެން ލިބެން ޖެހޭ ކަމަށް ބުނާ 79 މިލިޔަން ރުފިޔާ ހޯދަން އެ ކުންފުނިން 2022 ވަނަ އަހަރު ސިވިލް ކޯޓުގައި ދައުވާކޮށްފައިވެ އެވެ.
ސެންޓަ އެންޓަޕްރައިސަސް އަށް ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ބަދަލުގެ ގޮތުގައި ދޭން ޖެހިފައިވާއިރު، އެކަމުގެ ހާއްސަ އޮޑިޓެއް ހަދައިދޭން ބަންޑާރަ ނައިބުގެ އޮފީހުން އެދުމުން އައީ އޮޑިޓް ކުރަމުންނެވެ. ސެންޓަ އެންޓަ ޕްރައިސަސްގެ ދައުވާ ސާބިތުކުރުމަށް ސައްހަ ނޫން ލިޔުމެއް ހުށަހެޅި ކަމަށް ބެލެވި އެކަން އޮތީ ސަމާލުކަމަށް އައީ މި އޮޑިޓް ކުރިއަސް ދިޔައިރު އެވެ.
މި މައްސަލައާ ގުޅޭ ހާއްސަ އޮޑިޓަކަށް ފަހު އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ނެރުއްވި ރިޕޯޓްގައިވާ ގޮތުން، ދައުލަތުން ފައިސާ ހޯދަން ސެންޓާ އެންޓަޕްރައިޒަސް އިން 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޖުމްލަ ހަ ދައުވާއެެއް ކޮށްފައި ވެ އެވެ. އެއީ ދިން ހިދުމަތަށް ފައިސާ ނުލިބޭ ކަމަށް ބުނެ ދައުލަތުގެ ތިން އިދާރާއަކާއި ކުންފުންޏަކާ ދެކޮޅަށް ކުރި ދައުވާތަކެވެ.
އެ ދައުވާތަކުގައި، އަގުގެ ގޮތުގައި ލިބެންޖެހޭ ކަމަށް ބުނާ 175 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި ޖޫރިމަނާ އެއްކޮށްލުމުން 410.4 މިލިޔަން ރުފިޔާ އަށް އަރަ އެވެ.
1- ކަޅުހަމުގެ އަގުގެ ގޮތުގައި 31.9 މިލިޔަން ރުފިޔާ ހޯދަން އެންވަޔަރްމެންޓް މިނިސްޓްރީއާ ދެކޮޅަށް 2021 ވަނަ އަހަރު ކުރި ދައުވާ.
2- ކަޅުހަމުގެ އަގުގެ ގޮތުގައި 25.3 މިލިޔަން ރުފާ ހޯދަން ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއާ ދެކޮޅަށް 2022 ވަނަ އަހަރު ކުރި ދައުވާ.
3- މެޑިކަލް އިކްއިޕްމެންޓްގެ އަގުގެ ގޮތުގައި 79.4 މިލިޔަން ރުފިޔާ ހޯދަން ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސްއާ ދެކޮޅަށް ކުރި ދައުވާ.
4- ފަޔަ ޓްރަކެއްގެ އަގުގެ ގޮތުގައި 20.9 މިލިޔަން ރުފިޔާ ހޯދަން އެމްއޭސީއެލްއާ ދެކޮޅަށް 2022 ވަނަ އަހަރު ކުރި ދައުވާ.
5- މާލޭ ސިޓީ ކައުންސިލަށް 2006-2010 އަށް ފޯރުކޮށްދިން ކަމަށް ބުނާ ތަކެތީގެ އަގުގެ ގޮތުގައި 168 މިލިޔަން ރުފިޔާ ހޯދަން 2022 ވަނަ އަހަރު ކުރި ދައުވާ.
6- މެޑިކަލް އިކްއިޕްމެންޓްގެ އަގުގެ ގޮތުގައި 83.9 މިލިޔަން ރުފިޔާ ހޯދަން 2022 ވަނަ އަަހަރު ކުރި ދައުވާ.
އޮޑިޓް ރިޕޯޓްގައި ބުނީ މީގެ ބައެއް މައްސަަލަތަކާ ގުޅޭ އޮޑިޓްތައް މިހާރު ކުރިއަށްދާ ކަމަށާއި އެ އޮޑިޓްތައް ނިމުމުން ތަފްސީލު ހާމަކުރާނެ ކަމަށެވެ.
އޮޑިޓް އޮފީހުން ބުދަ ދުވަހު ނެރުނު ރިޕޯޓަކީ ހެލްތު މިނިސްޓްރީއަށް މެޑިކަލް އިކްއިޕްމެންޓާއި ކޮންޒިއުމަބަލް ފޯރުކޮށްދީގެން ލިބެން ޖެހޭ ކަމަށް ބުނެ ދައުލަތުން 79 މިލިޔަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިޒަސް އިން ކުރި ދައުވާ ސާބިތުކުރުމަށް ހުށަހެޅި ލިޔުންތަކެއް ސައްހަ ނޫން ކަމަށް ބެލެވިގެން އެކަމާ ގުޅިގެން ކުރި ހާއްސަ އޮޑިޓެެކެވެ. އެ އޮޑިޓުން އެނގުނު ގޮތުގައި އެ މައްސަލައިގައި ހުށަހެޅި ލިޔެކިއުންތަކަަކީ ފޯޖްކޮށްފައިވާ ލިޔެކިޔުންތަކެއް ކަމަށް ބެލެވޭ ގިނަ ސަބަބުތަކެއް އެބަ ހުއްޓެވެ.
- ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަަސް (ޑީއެމްއެސް) ގެ ފަރާތުން ސޮއިކޮށްފައި ވަނީ "އައިޝަތު ހަލީމް" ނަމަކަށް ކިޔާ ބޭފުޅެއް ކަމަށް ލިޔެކިޔުންތަކުގައި ހުރި އިރު އެ ނަން ކިޔާ ބޭފުޅަކު އެ ޑިޕާޓްމަންޓްގައި ނުވަތަ ހެލްތު މިނިސްޓްރީގައި އެއްވެސް ދުވަސްވަރެއްގައި އުޅެފައި ނެތެވެ.
- ބޭންކް ގެރެންޓީގައި މެޑިކަލް އިކްއިޕްމެންޓް ފޯރުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއް ކަމަށް ބުނެ ހުށަހަޅާފައިވާ އިއުލާނުގައިވާ ނަންބަރު ދިމާ ނުވުން (އިއުލާނު ނަންބަރުތަކުގެ ތަރުތީބަށް ބަލާއިރު އެ ނަންބަރުގެ އިއުލާނު، އިއުލާނުގައި އޮތް ތާރީހާ ހަމައަށް ކޮށްފައި ނުވާނެ ކަމަށް ބެލެވުން)
- ސެންޓާ އެންޓަޕްރައިޒަސް އިން އިކްއިޕްމެންޓާއި ކޮންޒިއުމަބަލްސް ފޯރުކޯށްދިން ޕްރޮޖެކްޓްގެ ކޯޑް ކަމަށް ޖަހާފައިވާ ކޯޑަކީ އެހެން ޕްރޮޖެކްޓެއްގެ ކޯޑަކަށް ވުން.
- އެއްބަސްވުމެއް ކަމަށް ބުނެ ހުށަހެޅި ލިއުމުގެ ސަފުހާ ނަންބަރު ދިމާ ނުވުން.
- ސްޓޭޓް ބޭންކް އޮފް އިންޑިއާއިން 2007 ވަނަ އަހަރު ދިން ބޭންކް ގެރެންޓީއެެއް ކަމަށް ބުނެ ހުށަހަޅާފައިވާ ލިޔުމުގައި އޮތް ނަންބަރަކީ އެސްބީއައި އިން ނަންބަރު ޖަހާ ފޯމެޓަށް އޮތް ނަންބަރަކަށް ނުވުން.
މި ދައުވާތަކުގެ ތެރެއިން އެމްއޭސީއެލްއާ ދެކޮޅަށް ކުރި ދައުވާ އަކީ 2008 ވަނަ އަހަރު ސަޕްލައިކުރި މުދަލަށް ފައިސާ ދީފައިވަނިކޮށް ކުރި ދައުވާއެއް ކަމަށް ވެސް އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.
އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ސެންޓަ އެންޓަޕްރައިޒަސް އިން ސިވިލް ކޯޓަށް ހުށަހެޅި ލިޔެކިއުންތަކަކީ ފޯޖުކޮށްފައިވާ ލިޔެކިއުންތަކެއް ކަން ދޭހަވާ މިނޫން ވެސް ގިނަ ސަބަބުތަކެއް އެބަ ހުއްޓެވެ. އެހެންވެ، ލިޔުންތައް ފޯޖްކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަން ސެންޓަ އެންޓަޕްރައިޒަސް އިން މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭތީ އެކަމުގައި ޝާމިލުވާ މީހުންގެ ޖިނާއީ ތަހުގީގެއް ހިންގަން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވަނީ ލަފާ ދެއްވައިފަ އެވެ.
"... އުފައްދާފައިވާ ސައްހަ ނޫން ލިޔެކިޔުންތަކެއް ރާއްޖޭގެ ޝަރުއީ ކޯޓަކަށް ހުށަހަޅައިގެން، ދައުލަތަށް ފޯރުކޮށް ނުދޭ މުދަލަކަށް މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މަސައްކަތްކުރާ ކަމަށް ބެލެވޭތީ، އެ ކުންފުނިން ހުށަހެޅި ލިޔެކިޔުންތަކުގެ ފޮރެންސިކް އެނަލިސިސް ހެދުމަށާ އަދި މިކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްޓަކައި މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ދަންނަވަމެވެ،" ރިޕޯޓްގައި އޮޑިޓަ ޖެނެރަލް ވިދާޅުވެފައިވެ އެވެ.
އޮޑިޓުން އެނގުނު ގޮތުގައި ކުންފުންޏަށް ލިބެންޖެހޭ ފައިސާ ކަމަށް ބުނެ 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ކޯޓަށް މައްސަލަތައް ހުށަހަޅާފައި ވިޔަސް ސެންޓަ އެންޓަޕްރައިސަސްގެ މާލީ ހިސާބުތުގައި، ކުންފުންޏަށް ލިބެންޖެހި ނުލިބި ހުރި ކަމަށް ޖަހާފައިވާ އަދަދު ވެސް ދައުވާތަކުގެ ޖުމްލަ އަދަދާ ކައިރިވެސް ނުކުރެ އެވެ. ކުންފުނީގެ 2008، 2009 އަދި 2010 ގެ އިންޓާނަލް އޮޑިޓްގައި 2008 ވަނަ އަހަރު 3،166ރ. އެވެ. އަދި 2009 ވަނަ އަހަރު 9,442,859ރ. އަދި 2010 ވަނަ އަހަރު 2,300,485ރ. އެވެ. މި ތިން އަހަރުގެ ޖުމްލަ އެއްކޮށްލުމުން ވެސް ކުންފުނީގެ އަމިއްލަ އޮޑިޓުން ދައްކަނީ ލިބެންޖެހޭ ފައިސާގެ އަދަދަކީ 11,746,510ރ. ކަމަށެވެ.
ސެންޓަ އެންޓަޕްރައިސަސްގެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބަލަން އޮޑިޓަ ޖެނެރަލް ލަފާ ދެއްވާފައި ވާއިރު މިދިޔަ މެއި މަހު ބަންޑާރަ ނައިބުގެ އޮފީހުން ވަނީ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ.
ސެންޓަ އެންޓަޕްރައިސަސް 2006 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވަނީ ތިން ހިއްސާދާރުން ހިމެނޭ ގޮތަށެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ހިމެނެނީ އަބްދުﷲ އާރިފް އާއި އަހުމަދު ޖާމިޒް އަދި އަލީފާ އަހުމަދު ހިމެނޭއިރު، މެނޭޖިން ޑިރެކްޓަރަކީ އަލީފާ އެވެ. ފޭކް ލިޔުން ހުށަހެޅި ކަމަށް ދައުލަތުން ކުރިން ތުހުމަތުކުރުމުން އޭރު އެ ކުންފުނިން ވަނީ ހުރިހާ ތުހުމަތަކަށް އިންކާރުކޮށްފަ އެވެ.