20 އޮކްޓޯބަރ 2025 - 09:30

ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި މިއަދު އެ އަތޮޅަށް ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ، އެ އަތޮޅުގައި މީހުން ދިރިއުޅޭ 11 ރަށަށް އެ މަނިކުފާނު ވަޑައިގަންނަވާނެ ކަމަށެވެ.
އެއީ އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދު އެވެ.
ރައީސް މިއަދު ހެނދުނު ފުރަތަމަ ވަޑައިގަތީ މާވަށަށެވެ. އޭގެ ފަހުން ހިތަދޫ، ކުނަހަންދޫ، ފޮނަދު އަށް މިއަދު ވަޑައިގަންނަވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީން އަބްދުﷲގެ ދާއިރާ ހިމެނޭ ފޮނަދޫގައި މިރޭގެ ބޮޑު ޖަލްސާ ބާއްވާނެ އެވެ.
"އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތް ކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީ އަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ރައީސް މުއިއްޒު ލ. އަތޮޅަށް ވެސް މި ވަޑައިގަތީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކުރެއްވުމަށާއި އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް މިދިޔަ ހަފުތާގައި ވަނީ ށ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ވަޑައިގެންފަ އެވެ.