20 އޮކްޓޯބަރ 2025 - 05:56

ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހަމާސްއިން ހިލާފުވެ އިޒްރޭލު ސިފައިންނަށް ހަމަލާ ދިން ކަމަށް ތުހުމަތުކުރުމަށް ފަހު އިޒްރޭލުން އިއްޔެ ދިން ހަމަލާތަކުގައި މަދުވެގެން 45 މީހަކު ޝަހީދުވި ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
މީގެ ނުވަ ދުވަސް ކުރިން ހެދި އެއްބަސްވުމާ ދެ ފަރާތުން ވެސް ހިިލާފުވެފައިވާ ކަމަށް އެއްބަޔަކު އަނެއް ބަޔަކު ވަނީ ތުހުމަތުކޮށްފަ އެވެ. އިޒްރޭލުން ބުނީ ހަމާސް އިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށާއި އެހެންވެ ހަމާސްގެ މަގާމުތަކަށް އަމާޒުކޮށް ޣައްޒާގެ ދެކުނުގައި ހަމަލާތައް ދީފައިވާނެ ކަމަށެވެ.
"ޣައްޒާގެ އެކި ހިސާބުތަކަށް އިޒްރޭލުން ދިން ހަމަލާގެ ނަތީޖާއެއްގެ ގޮތުން 45 މީހަކު ވަނީ ޝަހީދުވެފައި،" ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމުދު ބައްސާލް އޭއެފްޕީއަށް ވިދާޅުވި އެވެ.
މި އަދަދަށް މީހުން މަރުވިކަން ހޮޕިޓަލްތަކުން ވެސް އޭއެފްޕީއަށް ކަށަވަރުކޮށްދިނެވެ. އަދި ހަމަލާތަކުގައި ޒަހަމްވި އެތައް ބަޔަކަށް ވެސް ފަރުވާދޭން ގެނައި ކަމަށް ބުންޏެވެ.
ޣައްޒާގެ އަލް އަވްދާ ހޮސްޕިޓަލުން ބުނީ ހަމަލާތަކުގައި ޝަހީދުވި 24 މީހަކު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ޒަހަމްވެފައިވާ 73 މީހަކަށް ފަރުވާދޭން ޖެހުނު ކަމަށެވެ.
އަލް އަގްސާ ހޮސްޕިޓަލުން ބުނި ގޮތުގައި ބޮމުގެ ހަމަލާތަކުގައި 12 މީހަކު ޝަހީދުވެގެން ގެންދިޔަ އެވެ. އަދި ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުން ވަނީ ފަސް މީހެއްގެ ހަށިގަނޑު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ބުނެފަ އެވެ.
ބައްސާލް ވިދާޅުވި ގޮތުގައި ޝަހީދުވި މީހުންގެ ތެރެއިން ހަ މީހުންނަކީ ޒުވައިދާ އަވަށުގައި އެއްވެފައި ތިބި އާންމުންގެ ބަޔަކަށް ދިން ހަމަލާއެއްގައި ޝަހީދުވި މީހުންނެވެ. އަދި ނުސައިރަތުގައި ހުންނަ ރެފިއުޖީ ކޭމްޕެއް ކައިރިއަށް ދިން ހަމަލާތަކެއްގައި ވެސް ހަ މީހަކު ޝަހީދުވި އިރު އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ޚާން ޔޫނިސްގެ އަސްދާ ސިޓީގައި ދިން ހަމަލާތަކެއްގައި ވެސް އަންހެނަކާއި ދެ ކުދިން ޝަހީދުވި ކަމަށް ވިދާޅުވި އެވެ.
ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސައިރަތު އަލް އަހްލީ ކްލަބް ސަރަހައްދަށް ދިން ހަމަލާއެއްގައި ވެސް ދެ މީހަކު ޝަހީދުވި ކަމަށާއި ޖަބަލިޔާގައި ވެސް ދެ މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ބައްސާލް ވިދާޅުވި އެވެ. ދެން ހަމަލާ މީހަކު ޝަހީދުވީ ޣައްޒާ ސިޓީގައި ހުންނަ އިމާރާތަކަށް ދިން ހަމަލާއެއްގަ އެވެ. -- އޭއެފްޕީ