ހަމަލާތައް ދިނުމަށް ފަހު އިޒްރޭލުން "އެއްބަސްވުމަށް ރުޖޫއަވީ" ކަމަށް ބުނެފި
ހަމަލާތައް ދިނުމަށް ފަހު އިޒްރޭލުން "އެއްބަސްވުމަށް ރުޖޫއަވީ" ކަމަށް ބުނެފި

ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހަމާސްއިން ހިލާފުވި ކަމަށް ބުނެ އިޒްރޭލުން ޣައްޒާގައި އިއްޔެ އަލުން ފެށި ހަމަލާތައް ހުއްޓާލާފައިވާ ކަމަށާއި އަނެއްކާވެސް "އެއްބަސްވުމަށް ރުޖޫއަވީ" ކަމަށް ބުނެފި އެވެ.

އިޒްރޭލުން ޣައްޒާގެ ދެކުނު ސަރަހައްދަށް އިއްޔެ ހަމަލާ ދިނީ ހަމާސް އިން، އިޒްރޭލު ސިފައިންގެ ސަރަހައްދަށް ވަދެ ސިފައިންނަށް ހަމަލާ ދިނުން ކަމަށް ބުނެ އެވެ. އެކަމަކު ހަމާސް އިން ބުނެފައިވަނީ އެފަދަ އެއްވެސް ހާދިސާއެއް ހިނގި ކަމުގެ އެއްވެސް މައުލޫމާތެއް އެ ޖަމާއަތަށް ލިބިފައި ނެތް ކަމަށެވެ.

އެކި ހޮސްޕިޓަލްތަކުން އޭއެފްޕީއަށް ދިން މައުލޫމާތަށް ބަލާއިރު އިއްޔެގެ ހަމަލާތަކުގައި 45 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ހަމަލާތަކުގައި މީހުން މަރުވި އަދަދު ބަލަމުން އަންނަ ކަމަށެވެ.

އެތައް ހަމަލާއެއް ދިނުމަށް ފަހު އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ހަމަލާ ބަދަލުކުރުން ހުއްޓާލަން ވެފައިވާ އެއްބަސްވުމަށް އަލުން އަމަލުކުރަން ފަށާފައިވާ ކަމަށައި އެކަމަކު "ހަމާސް އިން އެއްބަސްވުމާ ހިލާފުވާ ނަމަ އަލުން ވަރުގަދަ ހަމަލާތައް ދޭނެ" ކަމަށެވެ.

ހަމާސް އިން ބުނީ އިޒްރޭލުން ހަމަލާ ދިނީ އެއްވެސް ކަމަކާނުލައި ދޮގު ތުހުމަތުކޮށްފައި ކަމަށެވެ. އިޒްރޭލުން ބޭނުންވަނީ އަލުން ހަނގުރާމަ ފަށަން ކަމަށް ހަމާސް އިން ބުންޏެވެ.

އިޒްރޭލުން ނެރުނު އެހެން ބަޔާނެގައި ބުނި ގޮތުގައި ޣައްޒާގައި އިއްޔެ އިޒްރޭލު ސިފައިންގެ ދެ މީހަކު ހަމަލާތަކުގައި މަރުވި އެވެ. ބޮޑުވަޒީރުގެ އޮފީހުން ބުނީ ސިފައިން މަރުވީ ރަފަހްގައި ކަމަށެވެ.

އިޒްރޭލުން އިއްޔެ ހަމަލާތައް ފެށުމާ އެކު، ބޯޑަރު ހުރަސްކޮށް އެހީގެ ސާމާނު ވެއްދުމުގެ މަސައްކަތް ވެސް ވަގުތީ ގޮތުން ހުއްޓާލަން ޖެހުނެވެ. -- އޭއެފްޕީ