ޔޫވީ ބަލިކޮށް މާޒިޔާ އަލުން އެއްވަނަ އަށް
ޔޫވީ ބަލިކޮށް މާޒިޔާ އަލުން އެއްވަނަ އަށް

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) 4-1 ން ބަލިކޮށް މާޒިޔާއިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއްވަނަ މަގާމަށް ޖެހިލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި މާޒިޔާގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ސްޕެއިންގެ ފޯވާޑް ސާޖިއޯ އިގްލޭސިއަސް އެވެ.

މެޗުގެ އެންމެ ކުރީކޮޅު މާޒިޔާއިން ލީޑް ނެގި އެވެ. ފަސްވަނަ މިނެޓްގައި އިގްލޭސިއަސް އެ ޓީމަށް ލީޑް ނަގައި ދިނީ ހަސަން ނަޒީމް (ޗޯޓް) އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައިންނެވެ.

އޭގެ ކުރިން ވެސް، ޗޯޓް ނެގި ހުރަހަކުން ހަމްޒާ މުހައްމަދު (ހަމްޕް) އަށް ވެސް ފުރުސަތެއް ތަނަވަސްކޮށްދިނެވެ. ނަމަވެސް އެ ބޯޅަ ހަމްޕް އަށް ރަނގަޅަށް ޖެހޭ ގޮތްނުވެ، ބޯޅަ ދިޔައީ ކޯނަރަކަށް ބޭރަށެވެ.

މާޒިޔާގެ ދެވަނަ ލަނޑު ޖެހީ ހަމްޕް އެވެ. މެޗުގެ 35 ވަނަ މިނެޓްގައި އިގްލޭސިއަސް ފޮނުވާލި ހަމަލާ ޔޫވީގެ ކުޅުންތެރިޔެއްގެ ގައިގައި ޖެހި ރީބައުންސްވެގެން ގޮސް ލިބުނީ އޭރިއާ ތެރޭގައި ހުހަށް ހުރި ހަމަޕް އަށެވެ. އޭނާ ވަނީ އެ ބޯޅަ ފަސޭހަ ކަމާ އެކު ގޯލްގެ ތެރެއަށް ވައްދަލައިފަ އެވެ.

ފުރަތަމަ ހާފުގައި ޔޫވީން ލަނޑު ޖެހުމުގެ ކުރިން އެ ޓީމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ފަހިވީ މުސްތޮފާ މުހައްމަދު އަލީ އަލް ޝަޒްލީ އަށެވެ. އޭނާ އަށް ހުސްކޮށް ލިބުނު އެ ބޯޅަ ފޮނުވާލުމުގައި ކާމިޔާބެއް ނުވި އެވެ. މާޒިޔާގެ ކީޕަރު ހުސައިން ޝަރީފް، އެ ބޯޅައާ ރަނގަޅު ވަގުތުގައި ކުރިމަތިލުމުން މިސްރުގެ ފޯވާޑް މުސްތޮފާ އަށް އެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

އެކަމަކު އޭގެ ފަހުން މުސްތޮފާ ޔޫވީ އަށް ނަތީޖާގެ ފަރަގު ކުޑަކޮށް ދިނީ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

މާޒިޔާގެ އަނެއް ދެ ލަނޑު ޖެހީ މެޗުގެ އެންމެ ފަހު ވަގުތުގަ އެވެ. އެ ޓީމުގެ ތިންވަނަ ލަނޑު އިގްލޭސިއަސް ޖެހީ 87 ވަނަ މިނެޓްގަ އެވެ.

ޔޫވީގެ އޭރިއާގެ ބޭރުން ގާނާގެ ރޭގަން އޮބޮން ނަގައިދިން ބޯޅަ، އިގްލޭސިއަސް ގޯލްގެ ތެރެއަށް ވައްދާލީ ބޮލުން ފޮނުވާލާއިގެންނެވެ. މާޒިޔާގެ ހަތަރު ވަނަ ލަނޑު އެ ޓީމުގެ ޑިފެންޑަރު ލުއިސް ޕައުލޯ އެވެ.

މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި މާޒިޔާއިން ނެގި ކޯނަރުން ތަނަވަސްވި ބޯޅަ ޕައުލޯ ޖެހީ ބޮލުން ވައްދާލައިގެންނެވެ.

ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ މާޒިޔާ ވަނީ އެއްވަނަ އަށް ޖެހިލާފަ އެވެ. ކުރިން އެއްވަނައިގައި އޮތީ އޮޑި ސްޕޯޓްސް އެވެ.