20 އޮކްޓޯބަރ 2025 - 09:16

މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، އަދި ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑަކަށް އެ ފައިސާ އިންވެސްޓު ކުރުމަކީ މާލީ ގޮތުން ރައްކާތެރި މުއާމަލާތެއް ކަމަށާއި އެއީ ފައިސާ ޗާޕް ކުރުން ވެސް ނޫން ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެމްއެމްއޭ އިން ޕެންޝަން އޮފީހާ ގުޅިގެން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކުމުގެ މުއާމަލާތެއް ހިންގަން މިދިޔަ ހަފުތާގައި ޕެންޝަން އޮފީހުގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ.
އެއީ މި ސަރުކާރުގައި ފައިސާ ޗާޕް ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ވިދާޅުވުމާ ހިލާފަށް ފައިސާ ޗާޕް ކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަަލަކު ވިދާޅުވީ އެ މުއާމަލާތަކީ ރޭވިގެންވާ ހިންގާ "އިންވެސްޓްމަންޓް އެރޭންޖްމަންޓެއް" ކަމަށެވެ. އަދި އޭގެ ސަބަބުން ޕެންޝަން ފަންޑަށް ރައްކާތެރި "ސަރުކާރުގެ އިންސްޓްރޫމަންޓެއް" ގައި އިންވެސްޓް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުންޏެވެ.
"އެއީ ފައިސާ ޗާޕުކުރުމެއް ނޫނީ މަނިޓައިޒޭޝަނެއް ނޫން. އެއީ ކަނޑައެޅިފައިވާ ގާނޫނީ އޮނިގަނޑުތަކުގެ ދަށުން ކުރެވޭ މާކެޓް އަސާސްތަކުގެ މައްޗަށް ބިނާކުރެވިފައިވާ މާލީ މުއާމަލާތެއް. އެމްއެމްއޭ އިން ސެކަންޑަރީ މާކެޓުގައި ބައިވެރިވުމަކީ މާލީ ސްޓެބިލިޓީ ދެމެހެއްޓުމަށާއި އިގްތިސާދުގެ ތެރޭގައި އެންމެ އެކަށީގެންވާ ގޮތުގައި ލިކުއިޑިޓީ މެނޭޖްކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ އާންމު ވަސީލަތެއް،" ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޮންޑު ވިއްކުމުގެ ސަބަބުން ޕެންޝަން އޮފީހަށް އޭގެ އިންވެސްޓްމަންޓް ޕޯޓްފޯލިއޯ ތަފާތު ކުރުމާއި ޕެންޝަން ދައްކާ މީހުންނަށް ލިބޭ ފައިދާ އިތުރުވެ ދިވެހި ފައިސާ، އެމެރިކާ ޑޮލަރަށް ބަދަލުކުރުމަށް މަގުފަހިވާނެ ކަމަށެވެ.
"ހާއްސަކޮށް އެއީ ބޭރު ފައިސާގެ މައްޗަށް އޮންނަ ޕްރެޝަރު ލުއިވާނެ ކަމެއް. އޭގެ ނަތީޖާއަކީ ދިގު މުއްދަތަކަށް މާލީ ދެމެހެއްޓެނިވިކަން ޔަގީން ވުން،" ފިނޭންސްގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެމްއެމްއޭ އާއި ޕެންޝަން އޮފީހުގެ މާލީ މުއާމަލާތުގެ ނަތީޖާއަކީ ކުރީގެ ރައީސް މުހައްމަދު ސޯލިހުގެ ސަރުކާރުން މިހާރުގެ ސަރުކާރަށް ވާރުތަވެ، ގިނަ ދުވަސްވެފައިވާ ފައިސާ ދެއްކުން ހަމަޖައްސަން ބޭނުންވާ ފައިސާ ހޯދަން މަގުފަހިވުމެވެ.
މި ސަރުކާރުން ބުނެފައިވާ ގޮތުގައި، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަމިއްލަ ކޮންޓްރެކްޓަރުންނާއި ކުންފުނިތަކަށް ނުދައްކާ ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާ ހުއްޓެވެ.
އޭގެ ސަބަބުން މާލީ ހާލަތަށް ބޮޑު ބުރައެއް އުފުލަންޖެހި، އެތައް ސަތޭކަ ދިވެހި ވިޔަފާރިތަކަށް ފައިސާ ދެއްކުން ލަސްވި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، އަދި ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑަކަށް އެ ފައިސާ އިންވެސްޓު ކުރުމަކީ ދައުލަތުގެ މާލިއްޔަތަށް ސްޓެބިލިޓީ ގެނައުމަށް ގެންނަ ބަދަލުތަކެއް ކަމށެވެ. އެ މަސައްކަތުން ލިބޭ ފައިސާގެ ބޮޑު ބައެއް ބޭނުން ކުރާނީ ކުރިން މަޝްރޫއުތަކަށް ނުދައްކާ ހުރި ފައިސާ ދައްކަން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"އޭގެ ތެރޭގައި އެކަށީގެން ނުވާ ގޮތަށް ބަޖެޓު ރޭވުމާއި ފައިސާ ދޫކުރުން ލަސްވުމުގެ ސަބަބުން ނުދެއްކި ހުރި ނިމިފައިވާ މަސައްކަތްތަކުގެ ފައިސާ ދޫކުރުން ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، ޕެންޝަން ފަންޑުން އެ ފައިސާ ފިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓް ކުރުމަކީ ހަރަދަށް ޒިންމާވުމުގެ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ ފައިސާ ޗާޕް ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި، ފައިސާ ޗާޕްނުކޮށް 2.5 ބިލިއަން ރުފިޔާގެ ޓީ ބިލް ޕެންޝަން އޮފީސް މެދުވެރިކޮށް އެމްއެމްއޭ އިން ގަންނަ ވަރުގެ "ޖެނެރަލް ރިޒާވް" ގެ ގާބިލް ކަމެއް ނުހުންނާނެ އެވެ.