20 އޮކްޓޯބަރ 2025 - 07:06

ހިންދީ ޑްރާމާ ހެދުމަށް މަޝްހޫރު އެކްތާ ކަޕޫރުގެ ކާމިޔާބު ޓީވީ ސިލްސިލާ "ނާގިން"ގެ ހަތްވަނަ ސީޒަންގެ ދެވަނަ ޕްރޮމޯ އާންމުކޮށްފި އެވެ.
ކަލާސް ޓީވީން ގެނެސްދޭ މި ސުޕަނެޗުރަލް ފިކްޝަން ސިލްސިލާ "ނާގިން"ގެ ދެވަނަ ޕްރޮމޯ އާންމުކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ޕްރޮމޯ އިން އެނގޭ ގޮތުގައި، އާ ސީޒަންގައި "ނާގިންތައް" ކުރިމަތިލާނީ ވަރުގަދަ "ޑްރެގަން"އަކާ އެވެ.
ޕްރޮމޯ އާންމުކުރި ނަމަވެސް، އާ ސީޒަންގެ ކާސްޓާއި އިތުރު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، "ނާގިން"ގެ ހަތްވަނަ ސީޒަން ދައްކަން ފަށާނީ މި އަހަރު ފަހުކޮޅު އެވެ.
"ނާގިން" ގެ ކޮންމެ ސީޒަނެއް ވެސް ގެނެސް ދެނީ މައިގަނޑު ކާސްޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. އެންމެފަހުން ގެނެސްދިން ސީޒަންގައި މުހިންމު ރޯލުތައް ކުޅުނީ އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރުން ކަމަށްވާ ތޭޖަސްވީ ޕްރަކާޝް، މަހެކް ޗަހާލް، ސިމްބާ ނަގްޕަލް، އުރްވަޝީ ދޮލާކިއާ، އަބީޝެކް ވަރްމާ، ޝްރޭ މިއްތަލް އަދި ސުދާ ޗަންދުރަން އެވެ.
މި ސިލްސިލާގެ ފުރަތަމަ ދެ ސީޒަންގައި މުހިންމު ރޯލުތައް ކުޅުނީ މޯނީ ރޯއި އާއި އަދާ ޚާން އަދި އަރުޖުން ބިޖިލާނީ އެވެ. އަދި ދެވަނަ ސީޒަނުގައި ކަރްންވީރު ބޯރާ ވެސް އުޅުނެވެ.
މީގެ 10 އަހަރު ކުރިން 2015 ވަނަ އަހަރު ގެނެސްދޭން ފެށި މި ސިލްސިލާގެ ހަ ސީޒަނަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.