ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ރޭސް ކިޓް ދޫކުރަން ފަށައިފި
ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ރޭސް ކިޓް ދޫކުރަން ފަށައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)ގެ ރޭސް ކިޓް ދޫކުރަން ފަށައިފި އެވެ.

ރޯޑް ރޭސް ކިޓް ދޫކުރުމަށްޓަކައި މިއަހަރުގެ ޑީއެމްއާރްއާރްގެ ބިބް އެކްސްޕޯ ކުރިއަށް ދަނީ އަމީނީމަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ ތިރީގައި ގާއިމްކޮށްފައިވާ ބިބް އެކްސްޕޯ ސެންޓަރުގަ އެވެ. އެ އެކްސްޕޯ ކުރިއަށް ގެންދާނީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.

މިއަދު މެންދުރު 2 ގައި އެ އެކްސްޕޯ ފެށިއިރު، މިރޭ 8 އިން 10 އަށް އެ އެކްސްޕޯ ކުރިއަށް ދާނެ އެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު އެ އެކްސްޕޯ އޮންނާނީ ހެނދުނު 9 އިން މެންދުރު 12 އަށް އަދި މެންދުރު 2 އިން ހަވީރު 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ.

ކޮންމެ ރޭސް ކިޓެއްގައި ވެސް ޓައިމިން ޗިޕް ހިމެނޭ ބިބް އަދި ރޭސް ޓީޝާޓާއި ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެ އެވެ. އަދި ވެރިފައި ކުރުމުގެ ގޮތުން، ރޭސް ކިޓް ބާލާ ދާ ފަރާތުން ދުވުންތެރިޔާގެ އައިޑީ ކާޑާއި ބިބް ނަންބަރު ހުށަހަޅަން ޖެހޭނެ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާ އެކު، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓު ކޮށްގެން ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.

އެ ދުވުން މިއަހަރު އޮންނާނީ އަންނަ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.