ރާއްޖޭގެ ކޮންމެ ނަމްބަރަކަށް ވެސް އެމްފައިސާ މެދުވެރިކޮށް ޕޭޕަލްގެ ހިދުމަތް ލިބޭނެ
ރާއްޖޭގެ ކޮންމެ ނަމްބަރަކަށް ވެސް އެމްފައިސާ މެދުވެރިކޮށް ޕޭޕަލްގެ ހިދުމަތް ލިބޭނެ

ރާއްޖޭގައި ބޭނުންކުރާ ހުރިހާ ފޯނު ނަމްބަރުތަކަށް ވެސް އުރީދޫގެ އެމްފައިސާ މެދުވެރިކޮށް، ޕޭޕަލްގެ ހިދުމަތް ލިބޭނެ ކަމަށް އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވެއްޖެ އެވެ.

ޕޭޕަލް ކުންފުންޏާއި އުރީދޫ މޯލްޑިވްސް ގުޅިގެން އަންނަ އަހަރު ރާއްޖެ އަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަން ނިންމައި، އެ ދެ ކުންފުނީގެ ދެމެދުގައި ޕާޓްނާޝިޕް ރަސްމީކޮށް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އެކަމާ ގުޅިގެން ނިޔާޒް ވިދާޅުވީ އެ ކުންފުނިން މިހާރު ތައާރަފް ކުރަން މަސައްކަތް ކުރަމުންދާ ޕޭޕަލްގެ ހިދުމަތަކީ އެމްފައިސާ ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ލިބޭނެ ހިދުމަތެއް ކަމަށެވެ. އަދި އެމްފައިސާއަކީ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް ބޭނުން ކުރެވޭނެ ވޮލެޓަކަށް ވާތީ، ކޮންމެ ސާވިސް ޕްރޮވައިޑަރެއްގެ ނަމްބަރެއް ގެންގުޅުނު ނަމަވެސް އެމްފައިސާ ވޮލެޓެއް ހެދުމަށްފަހު ޕޭޕަލްގެ ހިދުމަތް ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފް ކުރަން އުރީދޫން ނިންމިއިރު، އެކަމަށްޓަކައި ނަގަންޖެހޭ އިންވާޑް ރެމިޓެންސް ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ ބުދަ ދުވަހު ވަނީ އުރީދޫއަށް ދީފަ އެވެ.

އުރީދޫން ބުނީ އަންނަ އަހަރު ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ދޭން ފެށުމާ އެކު، ޕޭޕަލްގެ ހިދުމަތް ގަބޫލުކުރާ ދުނިޔޭގެ އެތައް ފަރާތްތަކަކާއެކު، ފައިސާގެ މުއާމަލާތްތައް ރާއްޖޭގައި ތިބެގެން ކުރެވޭނެ ކަމަށެވެ. އަދި އޭރުން އުރީދޫގެ އެމްފައިސާ އެކައުންޓްތައް މެދުވެރިކޮށް ޕޭޕަލް ހިދުމަތް ލިބޭނެ ކަމަށް އުރީދޫން ބުނެފައިވެ އެވެ.