19 އޮކްޓޯބަރ 2025 - 19:09

މަތީ ތައުލީމަށް ސަރުކާރުން ދޫކުރި ލޯނުތަކަށް 187 މިލިއަން ރުފިޔާ އަނބުރާ ނުލިބި އެބަހުރި ކަމަށާއި އަދި އެ ފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ސަރުކާރުން ކޮށްފައިނުވާ ނުކުރާ ކަމަށް ހަޔާ އެޑިއުކޭޝަން މިިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
ހަޔާ އެޑިއުކޭޝަނުގެ 2022 ވަނަ އަހަރުގެ ހަރަދުތަކާ ގުޅިގެން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މިއަދު ނެރުއްވި ރިޕޯޓްގައިވަނީ 2022 ވަނަ އަހަރުގެ ނިޔަލަށް ލިބެންޖެހޭ 190 މިލިއަން ރުފިޔާގެ ތެރެއިން މިނިސްޓްރީން ބަލަހައްޓާ ލޯނުތަކަށް އެކަނި ވެސް 81 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ. އެއީ މިނިސްޓްރީން ދޫކުރި ލޯނުތަކުގެ 60 ޕަސެންޓެވެ. އަދި އެ ފައިސާ ހޯދުމަށް މާލިއްޔަތު ގަވާއިދާ އެއްގޮތަށް މަސައްކަތް ކޮށްފައިނުވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ.
އޮޑިޓު ރިޕޯޓުގައިވަނީ ފިނޭންސް މިނިސްޓްރީ އާއި ބީއެމްއެލް އަދި ބޭންކް އޮފް ސިލޯންއާ ދެމެދު ހަދާފައިވާ ފަހުމުނާމާގެ ދަށުން، މަތީ ތައުލީމަށް ލޯނު ދޫކުރުމާއި އެ ފައިސާ ދަރިވަރުންގެ އަތުން އަނބުރާ ހޯދުމުގެ ކަންކަން އެ ބޭންކްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމަކު 2022 ގެ ނިޔަލަށް ބީއެމްއެލް އިން ދޫކުރި ލޯނުތަކަށް 103 މިލިއަން ރުފިޔާ އަދި ސިލޯނު ބޭންކު މެދުވެރިކޮށް ދޫކުރި ފައިސާއިން ލިބެންޖެހޭ 3 މިލިއަން ރުފިޔާއާ އެކު ޖުމްލަ 106 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް އެ ރިޕޯޓްގައިވެ އެވެ.
އެ ރިޕޯޓްގައިވާ ގޮތުން އެ ފައިސާ ހޯދުމަށް އެ ބޭންކުތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައެއް ނުވެ އެވެ. އަދި ބޭންކުން އެ ފައިސާ ހޯދުމަށް މަސައްކަތް ކުރޭތޯ މިނިސްޓްރީން ބަލާފައިނުވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ. އަދި ބީއެމްއެލްއާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން، ލޯނުތަކާ ގުޅިގެން ކޮންމެ އަހަރަކު ވެސް އެޑްމިނިސްޓްރޭޓިވް ފީއެއް ނަގާއިރު، ލޯނުތަކަށް ފައިސާ ނުލިބި ލަސްވުމުން ބީއެމްއެލަށް ދައްކަންޖެހޭ ފީ އިތުރުވެ މިނިސްޓްރީއަށް ލިބޭ މިންވަރު މަދުވަމުންދާ ކަމަށް ރިޕޯޓްގައިވެ އެވެ.
އެގޮތުން 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު އެކަނި ވެސް 3.5 މިލިއަން ރުފިޔާ އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ބޭންކަށް ނަގާފައިވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ.
އެ ރިޕޯޓްގައިވާ ގޮތުން ދައުލަތުގެ އޮފީސްތަކަށް ލިބެންޖެހޭ ފައިސާ ދެއްކުމަށް އެ ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، ފައިސާ ދެއްކުމަށް ދެ ފަހަރަށް ލިޔުމުން އެންގުމަށްފަހު ފައިސާ ހޯދަން މައްސަލަ ޝަރީއަތަށް ހުށަހަޅަންޖެހޭ ކަމަށެވެ. އަދި ޝަރީއަތުން ފައިސާ ދެއްކުމަށް އެންގުމުން ވެސް ފައިސާ ނުދައްކައިފިނަމަ، އެ މައްސަލަ ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައިގެން އެ ފައިސާއާ މެދު ވަކި ގޮތެއް ނިންމުމަށް ބަޔާންކުރާ ކަމަށް އޮޑިޓުގައި ބުންޏެެވެ.
މާލިއްޔަތު ގާނޫނު އޮންނަ ގޮތުން ދައުލަތުގެ ފައިސާ ބަލަހައްޓަން ޖެހެނީ އެމްއެމްއޭގައި ފިނޭންސް މިނިސްޓްރީން ހުޅުވާފައިވާ ޕަބްލިކް އެކައުންޓެއްގައި ކަމަށް ވާއިރު، ސްޓޫޑަންޓް ލޯނު ދޫކުރުމަށް ސިލޯނު ބޭންކުގައި ހުޅުވާފައިވާ އެކައުންޓުގައި 2022 ވަނަ އަހަރުގެ ނިޔަލަށް 6.1 މިލިއަން ރުފިޔާ ހުރި ކަމަށް އެކައުންޓުގެ ބޭންކް ސްޓޭޓްމަންޓުން ދައްކާ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ. އަދި އެ ފައިސާ ޕަބްލިކް އެކައުންޓަށް ޖަމާކޮށްފައިނުވާ ކަމަށް އޮޑިޓުގައިވެ އެވެ.
އޮޑިޓުގައި ބުނީ އަހަރީ މާލީ ބަޔާނުގައި ނުލިބި ހުރި ފައިސާގެ ތަފްސީލު ހިމަނައި އަދި ބަލައިގަންނަ ފައިސާގެ ހިސާބު ބަލަހައްޓަން ޖެހޭއިރު، ހަޔާ އެޑިއުކޭޝަން މިިނިސްޓްރީން ދޫކުރި ފައިސާގެ ތެރެއިން އަނބުރާ ލިބެންޖެހޭ ފައިސާގެ ހިސާބު ބަލަހައްޓާފައިނުވާ ކަމަށެވެ. އެގޮތުން ވަކިވަކި ދަރިވަރުންނާ ގުޅޭ ތަފްސީލީ މައުލޫމާތު ހިމެނޭ ގޮތަށް ހިސާބުތައް ބަލަހައްޓާފައިނުވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ. އެހެންވެ، ލޯނު ފައިސާއާ ގުޅޭ ކަންކަން ގަވާއިދުން ބަލަހައްޓަމުން ގެންދަން އެ ރިޕޯޓުގައި އަންގާފައިވެ އެވެ.
މީގެ އިތުރުން މޯލްޑިވްސް ޕޮލިޓެކްނިކްގެ 15 ކެމެރާ ގެއްލިފައިވާ މައްސަލައެއް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެއީ ޖުމްލަ 167،802ރ. ގެ އަގުހުރި ކެމެރާތަކެއް ކަމަށާއި އެކަމަކު އެ މައްސަލައާ ގުޅޭގޮތުން ވެސް އެއްވެސް ތަހުގީގެއް ކުރިއަށް ގެންގޮސްފައިނުވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.
އެހެންވެ، އެކަންކަން އިސްލާހުކުރަން އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް އަންގަވާފައިވެ އެވެ.